ކުޅިވަރު

އަންނަ އަހަރާ ހަމައަށް ފަބިއާނޯ އަށް ނުކުޅެވޭނެ


އަންނަ އަހަރު ފެށެންދެން ފަބިއާނޯއަށް ނުކުޅެވޭނެ ކަމަށް ލިވަޕޫލުން ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ފުރަތަމަ 19 މިނިޓަށް ފަހު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ބާލަން ޖެހުނު ކުޅުންތެރިޔާ ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އެހާ ފެންވަރު ހުރި ކުޅުންތެރިއަކު ނެތުމަކީ ވަރަށް ބޮޑު ދެރައެއް. އެކަމަކު އެންމެ މުހިންމު ކަމަކީ އޭނާ މިވަގުތު ފަރުވާ ހޯދަމުންދިއުން. އަހަރެމެންނަށް މިހާރު ޖެހިފައިމިވަނީ އޭނާ ނެތްތަން ފޫބައްދަން. އެކަން ކުރެވޭނެ ގޮތް ރާވަން ޖެހޭނެ. އަހަރެމެންނަކީ އިންޖަރީވެފައިވާ ކުޅުންތެރިން ތިބި ހަމައެކަނި ޓީމެއްނޫން. އެހެންވީމާ އަހަރެމެން ވެސް މި ފަދަ ކަންކަމާ ކުރިމަތިލާންޖެހޭނެ" ކްލޮޕް ބުންޏެވެ.

ފަބިއާނޯ އަކީ މި ސީޒަނުގައި ޕްރެމިއާ ލީގުގައި ލިވަޕޫލް މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން 12 މެޗުގައި ސްޓާޓް ކުރި ކުޅުންތެރިއެކެވެ. އަދި ޗެމްޕިއަންސް ލީގުގައި ވެސް އޭނާ ފުލްކޮށް ކުޅުނެވެ.