ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ


ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ޚާއްސަ ޕެނަލް ޑިސްކަޝަންއެއް މިރޭ ބާއްވާނެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނަ މިޕެނަލް ޑިސްކަޝަން ކުރިއަށްގެންދަނީ ޢާއްމުނަށް ހުޅުވާލައިގެންނެވެ،

މިޕެނަލް ޑިސްކަޝަންގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ޑރ. ޒަކަރިއްޔާ މޫސާއާއި ޑރ. ޢަބްދުﷲ ޖަމީލާއި ޑރ. ސައުދުﷲ ޢަލީ ބައިވެރިވެވަޑައިގަންނަވާނެއެވެ. އިސްލާމްދީނާއި ގުޅުންހުރި 3 ދާއިރާއަކަށް މިޕެނަލް ޑިސްކަޝަންގައި އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އިސްލާމްދީނުގެ މުހިއްމުކަމުގެ މައްޗަށާއި ތާރީޚީ ނަޒަރަކުން އިސްލާމްދީނާއި ގުޅުންހުރި ކަންކަމަށް ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފިކުރީގޮތުން ދީނީކަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި ޕެނަލް ޑިސްކަޝަންއަކީ ޢާއްމުނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަނަކަށްވުމުން މިދާއިރާތަކާއި ގުޅެގޮތުން ސުވާލުކުރުމުގެ ފުރުޞަތު ޢާއްމުނަށް އޮންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕެނަލް ޑިސްކަޝަނަކީ ހޯމް މިނިސްޓްރީން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ބާއްވަވާ ޕެނަލް ޑިސްކަޝަނެކެވެ. ރާއްޖެ އިސްލާމް ވިދުވަހާއި ގުޅިގެން އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހޯމް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. ރާއްޖެ އިސްލާމް ވެފައިވަނީ މީދާލީ ގޮތުން 1153 ވަނަ އަހަރުގައެވެ.