ޚަބަރު

ސީލައިފަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދޭން ފަށައިފި


ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބަދަލު ދޭން ފަށައިފިއެވެ.

ހުޅުމާލޭގައި ހައުސިން ޔުނިޓްތައް އެޅުމަށް ސީލައިފަށް ހަވާލުކުރުމުން އެ ކުންފުނިން ވަނީ ފްލެޓްތައް ވިއްކުމަށްކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައެވެ. އެހެންނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުފަށާ އެ މަސައްކަތް ކުރިޔަށް ނުދާތީ ފައިސާ ދެއްކި ބައެއް މީހުންވަނީ ސީލައިފާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އަދި މި މައްސަލާގައި ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްކަށް ބަދަލު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ އެ މީހުންނަށް ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ.

ސީލައިފްގެ މައްސަލާގައި ކޯޓުގައި ދައުވާ ނުކުރާ ފަރާތްތަކަށްވެސް ބަދަލު ހޯދުމަށް އެދުމުގެ ފުރުސަތު ދެ ފަހަރެއްގެ މަތިން އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. މިގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެޗްޑީސީން ހުޅުވާލި ފުރުސަތުގައި ބަދަލު ހޯދުމަށް އެދި 189 މީހުންވަނީ ހުށައަޅާފައެވެ. ފަހު ފުރުސަތުގައި ބަދަލެއް އެދި 23 މީހުން ވަނީ ހުށައަޅާފައެވެ.

މި ފަރާތަކަށް ބަދަލުގެ ގޮތުގައި ދޫކުރާނީ އެ ފަރާތަކުން ސީލައިފަށް ދައްކާފައިވާ ފައިސާއާއި އެއްވަރުގެ އަދަދެކެވެ.

ފްލެޓް ވިއްކަން ކުމެ ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާ ސީލައިފުން މަކަރާއި ހީލަތް ހެދުމުންވެސް ގެއްލުންވި ފަރާތަކަށް ބަދަލުދޭން ނިންމުމުން ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އެޗްޑީސީއަށް އަމާޒުވިއެވެ. މި މައްސަލާގައި އެޗްޑީސީން ބުނީ ބަދަލު ދޭން ނިންމީ ގިނަ ބަޔަކަށް ގެއްލުންވެފައިވާތީކަމަށެވެ. އަދި މިކަމުގެ ސަބަބުން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ސީލައިފުން ހޯދާނެކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފާއި ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުއެވެ. ސީލައިފުން އެޕާޓްމަންޓް ވިއްކަން ހުޅުވާލުމުން 280 ވުރެ ގިނަ މީހުން ރަޖިސްޓްރޭޝަންގެ ފީގެ ގޮތުގައި ކޮންމެ މީހަކު ފަންސާސް ހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ދައްކާފައެވެ. އަދި ބައެއް މީހުން ވަނީ ޑައުންޕޭމަންޓްގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ފައިސާ ދައްކާފައެވެ.

3000 ފްލެޓް އެޅުމަށް ސީލައިފާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

މަކަރާ ޙީލަތުގެ މައްސަލާގައި ފުލުހުން އަންނަނީ ސީލައިފުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ހޯދުމުންނެވެ. އަދި އޭނާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ.