ކުޅިވަރު

99 އަހަރަށްފަހު ކޮޕާ އެމެރިކާގެ ތަށި ޗިލީ ހޯދައިފި


ނުވަދިހަ ނުވަ އަހަރަށް
ފަހު ފުރަތަމަ ފަހަރަށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޗިލީ
ހޯދައިފިއެވެ. ފައިނަލްގައި ރޭ އާޖެންޓީނާއާ ވާދަކޮށް ޗިލީ
ޗެމްޕިއަންކަން ހޯދީ ޕެނެލްޓީ ޖަހައިގެން 4 - 1 ލަނޑުންނެވެ.



ޗިލީގެ ސެންތިއާގޯ
ސްޓޭޑިއަމްގައި ކުޅެވުނު ފައިނަލް މެޗްގެ ނުވަދިހަ މިނިޓްގެ ކުޅުން ނިމުނީ ދެޓީމް
ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗްގެ ފުރިހަމަ ވަގުތުގައި ދެޓީމުންކުރެ
އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ވަނީ އިތުރު ވަގުތުގެ ދެހާފް ކުޅެފައެވެ.
މިދެހާފްގައިވެސް ދެޓީމަށްވެސް ވަނީ ގޯލެއް ޖެހޭ ގޮތް ނުވެފައެވެ.



ޕެނަލްޓީ ޝޫޓްއައުޓްގައި އާޖެންޓީނާ އިން ޖެހި
ޕެނަލްޓީ ތަކުގެ ތެރެއިން ކާމިޔާބުވީ ކެޕްޓަން ލަޔަނަލް މެސީ ޖެހި ޕެނަލްޓީ އެކަނިއެވެ.
ހިގުއެން ޖެހި ޕެނަލްޓީ ގޯލް ދަނޑިމަތިން ބޭރަށް ދިޔައިރު، އެވަ ބަނޭގާ ޖެހި
ޕެނަލްޓީ ޗިލީ ކީޕަރ ބްރާވޯ ވަނީ ދިފާޢުކޮށްފައެވެ.



ޗިލީގެ ޕެނަލްޓީތަށް
ކާމިޔާބުކޮށްދިނީ މާޓިއަސް ފެނާންޑޭޒް، އާތުރޯ ވިދާލް އަދި އަރަގޫނިޒްއެވެ. މެޗުން
މޮޅުވި ޕެނަލްޓީ ޗިލީއަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.



މުބާރާތުގެ މޮޅު ގޯލް
ކީޕަރަކަށް ހޮވުނީ މިސީޒަންގައި 4 ތަށި އުފުލާލި ޗިލީގެ ކީޕަރ ކްލައުޑިއޯ
ބްރާވޯއެވެ. 4 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދީ
ޕެރޫގެ ގުއެރޭރޯއާއި ޗިލީގެ ވާގަސްއެވެ. މިއީ، ކޮޕާ އެމެރިކާގެ ތަށި ޗިލީއަށް
ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މިއީ، ބޮޑު މުބާރާތެއްގެ ތަށިވެސް އެޤައުމަށް
ލިބުނު ފުރަތަމަ ފަހަރެވެ.