އަތޮޅުތައް

ތާރީޚީ މައުލޫމާތު ހިމެނޭ ޖާނަލް އެއް ނެރެނީ



ތާރީޚާމެދު އާންމުން ހޭލުންތެރި ކުރުމަށް ތާރީޚީ މައުލޫމާތު ހިމެނޭ ޖާނަލް އެއް ނެރެން ގަސްތުކުރާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއިން ބުނެފިއެވެ. އެމިނިސްޓްރީގެ ހިސްޓްރީ އާރޓްސް ކަލްޗަރ އަލާ ދީދީ ވިދާޅުވީ މިފަދަ ޖާނަލް އެއްގެ އެހީގައި ޢާއްމުންނަށް ފަސޭހައިން ތާރީޚާ ގުޅޭ މަޢުލޫމާތު ލިބޭނެ ކަމަށެވެ.

މިނިސްޓްރީގެ ޓީމަކާ އެކު އަލާ ދީދީ ވަނީ ތިލަދުންމަތީގެ 9 ރަށަކަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ އާސާރީ ތަންތަން ދިރާސާކުރައްވައި އަދި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ގިނަ މައުލޫމާތު ހޯއްދަވާފައެވެ. މިދިރާސާ އަށްފަހު ޕީއެސްމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އަލާ ދީދީ ވިދާޅުވީ ތިލަތުންމަތީގެ އާސާރުތަކާ ސަގާފަތް ދިރާސާ ކުރުމުން، އެއީ ވަރަށް މުއްސަނދި ތާރީޚެއް އޮތް ތަނެއްކަން ހާމަވާ ކަމަށެވެ.

އަދި މިދިރާސާ އަށްފަހު ފާހަގަ ކުރެވުނީ އުތުރުގެ މީހުންނަކީވެސް ކުރީގައި ވަރަށްގިނައިން ބައްތެލިފަހަރުގައި ބޭރަށް ދަތުރުކޮށް ތަފާތު ބާވަތްތަކުގެ މުދާ ގެނެސް އިޤްތިޞާދީ ރަނގަޅު ވިޔަފާރި ކޮށްފައިވާ ބައެއްކަން ކަމަށް އަލާ ދީދީ ވިދާޅުވިއެވެ. އަދި ބައެއް ސަހަރާ ތަކުގައި ޖަހާފައި ހުރި މަހާނަ ގާތަކަކީ މޮޅެތި އާރޓިސްޓުންނަށް ނޫނީ އެފެންވަރަށް ތައްޔާރު ނުކުރެވޭނެ ތަކެތިކަން ފާހަގަ ކުރެއްވި. މިކަންކަމުން މިރަށްރަށަކީ ވަރަށް މޮޅެތި ހީވާގި މަސައްކަތް ތެރިން ދިރިއުޅުނު ރަށްތަކެއް ކަން ސާބިތުވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ހދ އަތޮޅު ފިނޭ ، ކުމުންދޫ ފަދަ ރައްރަށުގައި ހުރި އުސްފަސްގަނޑު ތަކަކީ، ކޮނެ ދިރާސާ ކޮށް ބަލަން ޖެހޭ ތަންތަން ކަމަށާއި އެތަންތަނުން ގިނަ ކަން ތައްތަކެއް ހޯދޭނެ ކަމަށްވެސް އަލާ ވިދާޅުވިއެވެ.

ޕީ އެސް އެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އަލާ ދީދީ ވިދާޅުވީ މިދިރާސާގެ އެންމެ ބޮޑު ބޭނުމަކީ ތާރީޚާމެދު މީހުން ހޭލުންތެރި ކުރުވުން ކަމަށާއި، މިމައުލޫމާތު ތައް ހިމަނައިގެން ޖާނަލްއެއް ވަރަށް އަވަހަށް ނެރޭނެކަމަށެވެ.