ޚަބަރު

ސްރީލަންކަން އެއަރލައިންސްއިން އައްޑޫގައި ކުރިއަށް ގެންދާ މިޑިކަލް ކޭމްޕް ފަށައިފި


ސްރީލަންކަން އެއަރލައިންސްއިން އިންތިޒާމު ކޮށްގެން އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އިންޑިއާގެ ކައުވެރީ ހޮސްޕިޓަލް ގުޅިގެން އައްޑޫގައި ކުރިއަށް ގެންދާ މެޑިކަލް ކޭމްޕް ފަށައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްދާ މިކޭމްޕުގައި ފުއްޕާމޭގެ ބަލިތަކާއި ނާރުގެ ބަލިތަކާއި ހިތުގެ ބަލިތަކުގެ ޑޮކްޓަރުންގެ އިތުރުން ޑައިޓިޝަނެއްވެސް ބަލި މީހުން ބަލާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 28އިން އަންނަ މަހުގެ 1އަށް ކުރިއަށް ގެންދާ މިކޭމްޕުގެ އެންމެބޮޑު އެއް މަޤްސަދަކީ، ރައްޔިތުންނާއި ގާތުން ސްޕެޝެލިސްޓު ޑޮކްޓަރުންގެ ޙިދުމަތް ފޯރު ކޮށްދިނުން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މޭނޭޖަރ ޝަރަފުއްސާދާތު(ސާތު) ވިދާޅުވީ މީގެކުރިންވެސް މިފަދަ ކޭމްޕެއް ބޭއްވިފައިވާކަމަށާ، އެހެނެންނަމަވެސް އެއަށްވުރެ މިކޭމްޕަށް ލިބެމުންދާ ތަރުހީބު ބޮޑުކަމަށެވެ. އަދި މިވަގުތު އެޕޮއިންޓްމެންޓްތައް ދޫކުރެވެންއޮތީ ވަކިވަރަކަށް ކަމަށާ، މިހާތަނަށް 150އަށްވުރެ ގިނަ އެޕޮއިންޓްމެންޓް ދޫކޮށްފައިވާކަމަށެވެ.

ކައުވެރީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ، އައްޑޫގައި މިފަދަ ކޭމްޕަކަށް އެޓީމު އައުމުން އައްޑޫގެ ރައްޔިތުން މިފަދަ ޙިދުމަތަކަށް ބޭނުންވެފައިވާމިންވަރު ފެނިގެންގޮސްފިކަމަށެވެ. އަދި މިފަދަ ކޭމްޕެއްގައި އެންމެ ފުރިހަމައަށް ޙިދުމަތް ދެވޭނެގޮތަށް ތައްޔާރު ވެގެން އެޓީމު އައިކަމަށްވެސް ޑޮކްޓަރުން ފާހަގަ ކުރިއެވެ.

ސްރީލަންކަން އެއާލައިންސް އައްޑޫއަށް ދަތުރުކުރާތާ 3 އަހަރު ފުރުމާ ގުޅުވައިގެން ކުރިއަށްދާ މިކޭމްޕާ ގުޅޭގޮތުން ސްރީލަންކަން އޭއަރލައިންސްގެ ރާއްޖޭގެ ޓުއަރ އޮޕަރޭޓަރ އޭސް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ، މިފަދަ ކޭމްޕެއް މިދުވަސްވަރު ބޭއްވުމުގެ ބޭނުމަކީ، ޑޮކްޓަރަށް ދައްކަންޖެހި ބޮޑު ޗުއްޓީގައި ފުރައިގެން އެޚިދުމަތް ހޯދަން ނުދެވޭ ފަރާތްތަކަށްވެސް ސިއްޙީ ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.

ސްރީ ލަންކަން އޭއަރލައިންސް އައްޑޫސިޓީއަށް ކުރާ ޝެޑިއުލް ފްލައިޓުތަަށް ހަފްތާއަކު 3 ދުވަހު ކުރާތާ މިއަންނަ މަހުގެ 1އަށް 3 އަހަރު ފުރޭނެއެވެ.