ޚަބަރު

އިސްލާމް ދީނުގެ ތަޞައްވުރު ހުތުރުކުރުމަށް ކުރެވޭ ކަންކަމުން ދަރިން ސަލާމަތްކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް - ރައީސް


އިސްލާމް ދީނުގެ ތަޞައްވުރު ހުތުރުކުރުމަށް ކުރެވޭ ކަންކަމަށް ފަރުވާތެރިވެ، އެފަދަ ކަންކަމުން ދިވެހި ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި މިއަދު މި ފާހަގަކުރަނީ މީގެ 893 އަހަރު ކުރިން، ޝިރުކާއި ކުފުރުގެ ބާޠިލު ޢަޤީދާ ދޫކޮށް، މާތް ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން، ދިވެހިންގެ ހިތްތައް އުޖާލާވެގެންދިޔަ މަތިވެރި ހަނދާންތައްކަން ފާހަގަކުރެއްވިއެވެ. އަދި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، ވަނީ އަރިސްކުރައްވާފައެވެ.

ރައީސް ހިތާބުގައިި ރާއްޖެ އިސްލާމްވުމުގެ މަތިވެރި ނަސީބު ދިވެހިންގެ މެދުގައި ދެމެހެއްޓުމުގެ މުހިންމުކަމާމެދު މިއަދު ވިސްނަންޖެހޭކަމަށާއި، ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، ބެލެނިވެރިންނާ ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމުގައި ވިދާޅުވިއެވެ.

"ދީނީ ޢަޤީދާ، ހިތްތަކުގައި ވަރުގަދަވަނީ، ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުން ކަންވެސް، ހަނދާނުގައި ބަހައްޓަންޖެހެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންގެ ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ" ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ހިތާބުގައި އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާމެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން ދިވެހި ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް ވިދާޅުވިއެވެ. އަދި އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، ދިވެހިންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީވެސް އަދި، އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން ޅަދަރީން ސަލާމަތް ކުރެވޭނީވެސް، ދީނުގެ ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދީގެންކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާކަމަށާއި، ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭނީވެސް އިސްލާމީ ޢަޤީދާއަށްކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިސްލާމް ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ، އެކަކު އަނެކަކަށް އޯގާތެރިވުމާއި، މަޢާފްކުރުމާއި، ތަޙައްމަލްކުރުމާއި، ގުޅިގެން އުޅުމުގެ މަތިވެރި ސިފަ ދިވެހިންގެ ކިބައިގައި ހަރުލައްވަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަޚްލާޤުން އިސްލާމީ ޢަޤީދާ ހާމަކޮށްދިނުމަކީ، މިއަދު ދިވެހިން ޢަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަންތައްކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖެ ކުޑަވެފައި، މީސްކޮޅު ކިތަންމެ މަދު ނަމަވެސް، ދިވެހިންނަށް ލިބިފައިވާ ނިޢުމަތްތަކާއި ވަސީލަތްތައް، ގުނައި ޢަދަދު ނުކުރެވޭހައި ގިނަކަމަށާއި، އެ ހުރިހާ ނިޢުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިޢުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން، ދިވެހިންގެ ހިތްތައް އުޖާލާކޮށްދެއްވުންކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.