ފޯވަޑް އެޑެން ހަޒާޑްގެ ފަޔަށް ލިބިފައިވާ އަނިޔާ ގޯސްނޫން ކަމަށާއި އެލްކްލެސިކޯގައި އަންނަ މަހުގެ 18 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރެއާލް މެޑްރިޑުން ބުނެފި އެވެ.
ބޮޑު އަގުގައި ޗެލްސީން މިސީޒަނަށް ރެއާލަށް ގެނައި ބެލްޖިއަމްގެ ކެޕްޓަން ހަޒާޑްގެ ކަކުލަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ފްރާންސްގެ ޕީއެސްޖީއާ ވާދަކޮށް 2-2އިން އެއްވަރުވި މެޗުގަ އެވެ. މި މެޗަށް ފަހު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ކުޅުންތެރިޔާގެ ހާލަތު އެނގޭނީ ޓެސްޓްތަކަށްފަހު ކަމަށެވެ. ނަމަވެސް ފަހުން ރެއާލް މެޑްރިޑުން ބުނީ ޓެސްޓްތަކުން ދައްކާ ގޮތުގައި ހަޒާޑްގެ އިންޖަރީ ގޯސްނޫން ކަމަށާއި އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.
ޒިދާން ބުނީ ޕީއެސްޖީއާ ދެކޮޅަށް ހަޒާޑް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މަޑުމަޑުން ހަޒާޑްގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ކްލެސިކޯ ފަދަ ބޮޑު މެޗަކަށް ފުރަތަމަ ފަހަރަށް ނުކުންނައިރު ޓީމުގެ ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބުން މުހިންމު ކަމަށާއި ނަމަވެސް މުހިންމު ބައެއް ކުޅުންތެރިނަށް އަނިޔާވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޒިދާން ބުންޏެވެ. ސްޕެނިޝް ލީގުގައި މިވަގުތު ބާސެލޯނާ 1 ވަނާގައި އޮތްއިރު ރެއާލް އޮތީ 2 ވަނާގައެވެ. މި ދެ ޓީމަކީ ދުނިޔޭގެ އެންމެ ވާދަވެރި ދެ ޓީމެވެ. އަދި މި ދެ ޓީމު ކުޅޭ ކްލެސިކޯ މެޗަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެ މެޗަކަށް އިންތިޒާރުކުރާ މެޗުވެސްމެވެ.