ކުޅިވަރު

ބޮލަށް ގެއްލުން ލިބިއްޖެނަމަ އިތުރު ބަދަލެއްދޭން ވިސްނަނީ


ކުޅުންތެރިންގެ ބޮލަށް ގެއްލުވުމުން ބަދަލު ކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ޔޫރޯއިން ފެށިގެން ދިނުމަށް ޔޫއޭފާއިން ވިސްނަން ފަށައިފި އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ މެޗެއްގައި ތިން ބަދަލު ކުރެވޭގޮތަށް އޮންނަ ނަމަވެސް ކުޅުންތެރިއަކަށް އެފަދަ ނުރައްކާތެރި ކަމެއް ދިމާވެއްޖެނަމަ އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ކުޅެން އެރުވުމުގެ ފުރުސަތު ދޭގޮތަށް ހެދުމަށް އެންމެ ފަހުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މިހާރު ވާހަކަ ދެކެވެމުންދަނީ އަންނަ އަހަރުގެ ޔޫރޯއިން ފެށިގެން މި ބަދަލު ގެނައުމަށް ކަމަށް ޔޫއެފާއިން ބުނެއެވެ.

ޔޫއޭފާއިން ބުނީ އެންމެ ބޮޑަށް އިސްކަންދޭންޖެހެނީ ކުޅުންތެރިންގެ ސަލާމަތަށް ކަމަށާއި މި ގޮތުން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ކުޅުންތެރިޔާގެ ބޮލަށް ގެއްލުވުމުން މިހާރު އަމަލުކުރަމުންދާ ގޮތަކީ ދަނޑުމަތީގައި ކުޅުންތެރިޔާ ބާއްވައިގެން ފަރުވާދިނުމެވެ. ނަމަވެސް އޭނާ އަށް ނުކުޅެވޭ ހާލަތެއް ދިމާވެއްޖެނަމަ އެހެން ކުޅުންތެރިއަކަށް ދަނޑަށް އެރުމުގެ ފުރުސަތު ނޯވެ އެވެ. ޔޫއޭފާއިން ބުނީ މިއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށާއި އަދި މިއީ ފުޓްބޯޅައިގެ ފޯރިއަށް ވެސް ބަދަލު އަންނަ ކަމެއް ކަމަށެވެ.