ޚަބަރު

ރާއްޖެއާއި ފިންލެންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ


ރާއްޖެއާއި ފިންލެންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަދި ފިންލޭންޑްގެ ފަރާތުން ސޮއިކުރެއްވީ ފިންލޭންޑްގެ ޚާރިޖީ ވަޒީރު ޕެއްކާ ހާވިސްޓޯއެވެ.

މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ވިޔަފާރި އުޞޫލުން ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓުއީޓް

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިމިވަނީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ފިންލޭންޑަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިމަހުގެ 27އިން 29އަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފިންލޭންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުވަނީ، ފިންލެންޑްގެ ޚާރިޖީ ވަޒީރު ޕެއްކާ ހާވިސްޓޯއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އިތުރު ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ތައުލީމީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ފިންލެންޑަކީ މިހާރު ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުން، ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ޔޫރަޕްގެ ޤައުމުތަކުން ނަގާ ޑިއުޓީ ކަނޑާލުމާބެހޭ ގޮތުންނާއި، ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ވިސާއާނުލައި ދަތުރުކުރެވޭނެ މަގުފަހިކުރުމާއި ބެހޭ ގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޝާހިދު ފިންލޭންޑަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ލީ އެންޑަރސަންއާއި ފިންލެންޑުގެ ބައެއް ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.