ވިޔަފާރި

ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތަޢާރަފްކޮށްފި


ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި ކާޑު ތައާރަފްކޮށްދެއްވީ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްއެވެ. މި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާއި، ހޮޓެލް ބުކިންގ އަދި ވިޔަފާރިތަކުން ވަރަށް ހާއްސަ އޮފަރތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ހިދުމަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ހާއްސަ އިނާޔަތްތަކާއި އަގުހުރި ޚިދުމަތްތަކެއް އެކުލެވޭ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ދިވެހިރާއްޖެއަށް ތައާރަފްކުރެވިގެންދިޔުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފް ކުރުމާއި ގުޅޭ ގޮތުން އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސަރވިސަސްގެ ބިޒްނަސް ހެޑް ދިވްޔާ ޖެއިން ވިދާޅުވީ ޕްލެޓިނަމް ކްރެޑިޓް ކާޑު އިފްތިތާޙް ކުރެވިގެން ދިއުމާއެކު ދިވެހީންނަށް މިކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުގެ ޚިދުމަތްތައް ހޯދުމަށް ދިވެހިންނަށް މަގުފަހިވެގެންދާނެކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިފައިވާ ބައިނަލްއަޤްވާމީ ވިއުގައާއި އަދި ދިވެހި ބޭންކިންގެ ފަންނީ ތަޖްރިބާ މި ޚިދުމަތުގައި ހިމެނިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެއެވެ.