ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ތަފާތު 34 ޓީމެއްގެ ކޮޅަށް ގޯލު ޖެހި ކުޅުންތެރިއަކަށް މެސީ


ޗެމްޕިއަންސް ލީގުގައި ތަފާތު 34 ޓީމެއްގެ ކޮޅަށް ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް، ބާސެލޯނާއަށް ކުޅެދިން 700 ވަނަ މެޗުގައި ކެޕްޓަން ލަޔޮނަލް މެސީ ހޯދައިފިއެވެ.

ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް އަތުން 3-1އިން ބާސެލޯނާ މޮޅުވި މެޗުގައި މެސީ ވަނީ ލުއިސް ސުއަރޭޒާއި އެންޓޮއިން ގްރިއެޒްމަން ގޯލު ޖަހަން ވެސް އެހީތެރިވެދީފައެވެ. މިއީ މުބާރާތުގައި އޭނާ ޖެހި 114 ވަނަ ގޯލެވެ. މި މޮޅާއެކު ބާސެލޯނާ ދެ ވަނަ ބުރަށް ދަތުރުކުރިއިރު، ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދާނެ ޓީމެއް ކަނޑައެޅުން ވަނީ ވަރަށް ވާދަވެރިވެފައެވެ.

ކޮންމެ ޓީމަކަށް ބާކީ 1 މެޗު އޮތްއިރު ދެ ވަނަ ޓީމުގެ ގޮތުގައި ކޮލިފައިވާން މަސައްކަތް ކުރަނީ އިޓަލީގެ އިންޓަމިލާނާއި ޑޯޓްމުންޑެވެ. މީގެ ތެރެއިން މިވަގުތު 8 ޕޮއިންޓުން ދެ ޓީމު އެއްވަރުވެ، ގޯލުގެ ތަފާތުން ދެ ވަނާގައި ވަނީ އިންޓަމިލާނެވެ.

މެޗަށް ފަހު ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނީ މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި އެންމެ މުހިންމު ކަމަކީ ވެސް އެއީ ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ދެގޯލު ޖެހުމުން ދެވަނަ ހާފުގައި ކުޅުނީވެސް ވަރަށް ހަމަޖެހިލައިގެން ކަމަށް ސުއަރޭޒް ބުންޏެވެ.

މި މެޗުގައި ބާސެލޯނާގެ ފްރާންސް ފޯވަޑް އޮސްމާނޭ ޑެމްބްލޭ އަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ. ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވަމުން އަންނަ މި ކުޅުންތެރިޔާ އަށް މިހާރަށްވުރެ ރަނގަޅު ފަރުވާތަކެއް ދިނުމަށް ސުއަރޭޒް ވަނީ ބާސެލޯނާގެ މެޑިކަލް ޓީމުގެ ކިބައިން އެދިފައެވެ.