ޚަބަރު

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގައި ބީއެމްއެލްއިން ބައިވެރިވެއްޖެ


ކޯޕަރޭޓް ސްކޯލަރޝިޕް ސްކީމްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއެކު ބޭންކް އޮފް މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަނެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބެންކްގެ ސީއީއޯ އަދި އެމްޑީ ތިމޮތީ ސޯޔަރއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއީ ސަރުކާރުން ޒުވާނުން ބިނާކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި މިޕްރޮގްރާމްގެ ސަބަބުން ރާއްޖެއަށް ލިބޭ ސްކޮލަރޝިޕްތަކުގެ ބޭނުން ހިފޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މީގެކުރިން ދިވެހި ދަރިވަރުން ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ޝަރުޠު ހަމަވީނަމަވެސް ކޯހަށް ބޭނުންވާ ފަންޑުތައް ހަމަނުޖެހުމުގެ ސަބަބުން ސްކޮލަރޝިޕްގެ ފުރުސަތު ދޫކޮށްލަންޖެހޭ ޙާލަތްތައް މެދުވެރިވާކަމަށެވެ. އެހެންނަމަވެސް މިސްކީމާއެކު މިމައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ބޭންކްގެ ސީއީއޯ އަދި އެމްޑީ ތިމޮތީ ސޯޔަރ ވިދާޅުވީ މިއީ ސަރުކާރުން ކުރިއަށްގެންދާ މުހިންމު ސްކީމެއްކަމަށާ، މިކަމަށް ބެންކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ،

މިހާތަނަށް ސަރުކާރުގެ 12 ކުންފުންޏަކުން މިސްކީމްގައި ބައިވެރިވެފައިވާއިރު މިފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރު ހުޅުވާލާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިއީ މަތީ ތަޢުލީމުގެ ފުރުސަތުތަކަށް އެކި ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުންފުނިތަކާއި ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.