ޚަބަރު

އަމީނިއްޔާގެ އިސް ދަރިވަރުންނާއި މުދައްރިސުންގެ "ޢިލްމީ ގުލަޝަން" ބާއްވައިފި


އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމާގުޅިގެން "ޢިލްމީ ޤުލްޝަން"ގެ ނަމުގައި ޙަރަކާތެއް ބާއްވައިފިއެވެ. މިއީ އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމާއި ގުޅިގެން މުޅި އަހަރުތެރެއަށް ބަހާލައިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ޙަރަކާތެއްކަމަށް އެސްކޫލުން ވިދާޅުވެއެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު މިއަދު ފުރިގެންގޮސްފައިވާއިރު ދުވަހާ ގުޅިގެން އަމީނިއްޔާ ސްކޫލުންވަނީ "ޢިލްމީ ގުލްޝަން"ގެ ނަމުގައި ޚާއްސަ ޙަރަކާތެއް ބާއްވާފައެވެ. މި ޢިލްމީ ގުލްޝަނުގައި އަމީނިއްޔާ ސްކޫލްގެ އިސްދަރިވަރުންނާއި ކުރީގެ މުދައްރިސުންވަނީ ބައިވެރިވެ އެފަރާތްތަކުގެ ސްކޫލް ދައުރުގެ ޝުޢޫރާއި ތަޖުރިބާ ޙިއްސާކުރައްވާފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ.މުޙައްމަދު ޒާހިރު ހުސެއިން ވަނީ އަމީނިއްޔާ ސްކޫލްގެ ތާރީޚުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު އަމީނިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްތަކާ ގުޅޭ ގޮތުންވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު ވިދާޅުވީ އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ފާއިތުވި 75 އަހަރު އެސްކޫލްގެ ބާނީ ސުއްމުވުލް އަމީރު ދޮށިމޭނާކިލެގެފާނުގެ މޮޓޯގައި ކުރިއަށްގެންދަވާފައިކަމަށެވެ. އަދި އެކަން ސާބިތުވާ އެންމެ މުހިންމުކަމަކީ ޤައުމު ބިނާކުރުމާއި ކަންކަން ނިންމާ ފެންވަރުގައި އަމީނީއްޔާއަށް ނިސްބަތްވާ ގިނަ ދަރިވަރުންތަކެއް ހިމެނުންކަމަށް އާތިޔާ ވިދާޅުވިއެވެ.

ހެނދުނު ނުގަޑި ތިރީހުން ހަވީރު ފަހެއް ޖެހުމާ ހަމައަށް އެކިދުވަސްވަރު އަމީނިއްޔާގައި ތަޢުލީމު ފޯރުކޮށްދިނުމަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން އިސްދަރިވަރުންނާއި ކުރީގެ މުދައްރިސުނާއި ޕްރޮންސިޕަލުން އަދި މިހާރުގެ މުދައްރިސުންވަނީ ބައިވެރިވެވަޑައިގެން މަޝްވަރާ ކުރައްވާފައެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރުފުރޭ މުނާސަބަތާއި ދިމާކޮށް އެސްކޫލުން އަންނަނީ މުޅިއަހަރުތެރެއަށް ބަހާލައިގެން އެކި ޙަރަކާތްތައް ހިންގަމުންނެވެ. އަދި 75 އަހަރު ފުރޭ ދުވަސް ސްކޫލް ބަންދާ ދިމާވުމާއި ގުޅިގެން އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ބެއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ކިޔެވުން ފެށުމުންކަމަށް އެސްކޫލުން ވިދާޅުވެއެވެ.