ޚަބަރު

ގުގުރުމާއެކު ބޯކޮށް، ވާރޭ ވެހޭނެ - މޫސުމަށް ސަމާލުވޭ!


ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ބޯކޮށް ވިއްސާރަކުރާނެކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހުވެސް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ މަތީ އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. އެއިދާރާއިން ވިދާޅުވީ މިކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ގަޑިތަކުގައި އެންމެ ބޮޑަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށްކަމަށެވެ. މިހިސާބުގެ ކަނޑުތައްވެސް ގަދަވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.

ވައިޖެހޭނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާ، ދެކުނުގެ ހިސާބުތަކަށް އިރުދެކުނާއި ދެކުނުން 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. ވިލާގަނޑުގައި ވައި ގަދަވާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައާގުޅިގެން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލަރޓް ނެރެފައެވެ.