ދުނިޔެ

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަނީ

އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ޖެނީވާގައި ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތަކުގައި އެމެރިކާއާއި ޔޫރަޕުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މެކޭނިޒަމެއް އެކުލަވާލައި އުސޫލެއްގެ ގޮތުން އެއަށް އެއްބަސްވެއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.މިވާހަކަތަކާ ގުޅުންހުރި ޔޫރަޕްގެ ޑިޕްލޮމެޓިކް ދާއިރާތައް ބުނާގޮތުން ވާހަކަތައް މިހާރު ދެކެވެމުންދަނީ އީރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ އަދި ނިއުކްލިޔަރ އެއްބަސްވުމާ އީރާނުން ޚިލާފްވެއްޖެ ޙާލަތެއްގައި އަލުން އަނބުރައި ދަތިކުރުމުގެ ފިޔަވަޅުތައް ރުޖޫއަ ކުރެވޭފަދަ ގަރާރެއްގެ ދެލިކޮޕީ  އެކުލަވާލުމާ ބެހޭގޮތުންނެވެ.އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ޖެނީވާގައި ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތަކުގެ ސުންގަޑިއެއް ކަމަށް ކަނޑައަޅާފައިވަނީ މިމަހުގެ ހަތެއްވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.މިސުންގަޑި ގާތްވެފައިވާއިރު އީރާނުން ނިއުކްލިޔަރ ސެންޓްރިފިއުޖް މެޝީންތައް އުފެއްދުމަށް ކުރިޔަށް ގެންދާ ސައެންޓިފިކް ރީސާޗް މަސައްކަތް ހުއްޓާލުމަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާން ދެކޮޅު ހަދަމުން ގެންދާކަމަށް ޚަބަރު ލިބެއެވެ.