ދުނިޔެ

އދ. އާއި ވިލާތުގެ އިއްތިޙާދުން ހޫޘީންނާ ވާހަކަ ދައްކަނީ

ޔަމަންގެ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ހަމަލާތައް ހުއްޓާލުމާބެހޭގޮތުން އދ. އާއި ވިލާތުގެ އިއްތިޙާދުން ހޫޘީންނާ ވާހަކަ ދައްކަމުން ގެންދާކަމަށް އެޖަމާއަތުން ބުނެފިއެވެ.ހޫޘީ ލީޑަރެއްކަމަށްވާ މުހައްމަދު އަބްދުއްސަލާމް ވިދާޅުވީ އދ. އާއި ވިލާތުގެ އިއްތިޙާދުގެ މަންދޫބުންނާ އުމާންގެ ވެރިރަށް މަސްގަތްގައި އޭނާ ބައްދަލުކުރައްވައި ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމާބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.ޔަމަންގެ ހަނގުރާމައިގެ އަނެއް ފަރާތް ކަމަށްވާ ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ހަތަރު ގައުމަކުންވެސްވަނީ ފަސްދުވަސްވަންދެން ޙަމަލާތައް ހުއްޓާލުމާމެދު ވިސްނަމުންދާކަން ހާމަކޮށްފައެވެ. ސައޫދީ އިސްކޮށް އޮވެގެން ޔަމަނަށް ވައިގެ މަގުން ޙަމަލާތައް ދެމުންގެންދާ އަރަބި ކޯލިޝަނުންބުނީ ފަސްދުވަހަށް ހަމަލާތައް ހުއްޓާލުމުގެ އިތުރުން މި ރަމަޟާން މަހުގެ ނިޔަލަށް ހަމަލާތައް ހުއްޓާލުމާމެދުވެސް ވިސްނަމުންދާކަމަށެވެ.އދ. ންވަނީ މިރަމަޟާން މަހު ހަނގުރާމަ ނުކޮށް ހަމަލާތައް ހުއްޓާލުމަށް ސައޫދީ އަރަބިޔާއަށާއި ޔަމަންގެ ހޫޘީ ހަނގުރާމަވެރިންނަށް އިލްތިމާސް ކޮށްފައެވެ.  ނަމަވެސް މިގޮވާލުމަށް މިދެފަރާތުންވެސް އިޖާބަ ދީފައެއްނުވެއެވެ.