ވިޔަފާރި

ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް އަންނަމަހު ހާމަކުރަނީ


ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތަކުގެ މައުލޫމާތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ އިޢުލާން ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއަހަރު ފަތުރުވެރިކަމުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ބާއްވާ ޚާއްސަ ހަފްލާގައި ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާންކުރައްވާނެކަމަށެވެ. މި ޚަފްލާ އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

"ވަރަށް ގިނަ ރައްޔިތުން އިންތިޒާރުކުރަމުން ހިނގައްޖެ އަލަށް ނެރޭ ރިސޯޓްތަކުގެ ނަންތައް. ކޮބައިތޯ އެރަށްތަކަކީ. އިރާދަކުރެއްވިއްޔާ ޑިސެމްބަރ 12 ވަނަ ދުވަހުގެރޭ އެކަން އަޅުގަނޑުމެން އިޢުލާންކުރާނަން ދަރުބާރުގޭގައި އޮންނަ ރަސްމިއްޔާތެއްގައި." ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމަށް އަލަށް ރަށް ދޫކުރާނީ ފަތުރުވެރިކަމަށް ކަނޑައަޅާ ރަށްރަށުގެ ތިމާވެށީގެ އަދި އިގްތިޟާދީ އެސެސްމެންޓު ހެދުމަށްފަހު ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ. މީގެ ބޭނުމަކީ ރިސޯޓު ހަދަން ރަށް ދޫކުރުމުގެ ކުރިން ހުރި ތިމާވެށީގެ ގޮންޖެހުންތަކާއި އިގްތިޟާދީ ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ ޓޫރިޒަމަށް އާ ރަށްތައް ނެރޭއިރު ޓޫރިޒަމް ނެތް ސަރަހައްދުތަކަށް އިސްކަން ދިނުމަށް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިއަންނަ އަހަރު މުޅިން އަލަށް 9 ރިސޯޓް ހުޅުވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރައްވައެވެ.