ވިޔަފާރި

ތައިލެންޑްގެ ފެޝަން ޝޯވއެއްގައި ރާއްޖެ އިޝްތިހާރުކޮށްފި


ތައިލެންޑްގެ ފެޝަން ޝޯއެއްގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

ރާއްޖެ އިޝްތިހާރުކޮށްފައިވަނީ ތައި ފެޝަން ހަފްތާ އަދި ގްރޭންޑް ފެޝަން އެކްސްޓްރާވެގަންޒާގައެވެ.

މި މަހުގެ 18 އިން 21 އަށް ތައިލަންޑުގެ ވެރިރަށް ބެންކޮކްގައި އޮތް ތައި ސިލްކް ފެޝަން ހަފްތާ އަދި 23 ވަނަ ދުވަހު އޮތް ގްރޭންޑް ފެޝަން އެކްސްޓްރާވެގަންޒާ ގައި ދުނިޔޭގެ 71 ޤައުމު ބައިވެރިވެފައިވެއެވެ.

ސެންޓްރަލް ވޯލްޑް ޝޮޕިން ސެންޓަރުގައި އޮތް ފެޝަން ޝޯ ގައި ރާއްޖޭގެ ދެ ފެޝަން ޑިޒައިނަރެއް ކަމުގައިވާ މޫނިސާ ލުތުފީއާއި އާސިޔަތް ޝިމްލާ ފަރުމާކޮށްފައިވާ ހެދުންތަކެއް ވަނީ ދައްކާލާފައެވެ.

މިފެޝަން ޝޯވގައި 71 ޤައުމަކުން ބައިވެރިވިއިރު، އޭގެތެރޭން 31 ގައުމެއްގެ ފަރުމާތައް ދައްކާލީ އެ ޤައުމުތަކުގެ އެންބެސަޑަރުންނެވެ. ދިވެހި ޑިޒައިނަރުންގެ ފަރުމާ ދައްކާލަދެއްވީ ދިވެހި އެންބަސީގެ ޑެޕިއުޓީ އެންބެސަޑަރެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ތައިލެންޑަކީ ރާއްޖެއަށް ފަތުރުވެރިން އެންމެގިނައިން އަންނަ ޤައުމެވެ. އޮކްޓޫބަރު މަހުގެ ނިޔަލަށް ތައުލެންޑުން 25334 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއިން ތައި ފެޝަން ހަފްތާގައި ބައްވެރިވުމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް ވެދެއްވީ ބެންކްކޮކްގައި ހުންނަ ރާއްޖޭގެ އެންބަސީގެ ފަރާތުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޖިނާހްއާއި ސަފީރުގެ ނައިބު ހުދާ ޝަރީފްއެވެ.

މި އިވެންޓްތައް ހިނގަމުން ދިޔައިރު ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި ރާއްޖޭގެ ޑެސްޓިނޭޝަން ވީޑިއޯ އިވެންޓް ކުރިއަށްދިޔަ ހޯލްގެ ސްކްރީންގައި ވަނީ ދައްކާލާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޯޝާރ އާއި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލްސްވަނީ ހާޒިރީންނަށް ބަހާފައެވެ.