ވިޔަފާރި

މަންޓާ އެއަރގެ ދަތުރުތައް ކޫއްޑޫއަށް ފަށަނީ


މަންޓާ އެއަރލައިންގެ ދަތުރުތައް ކޫއްޑޫ ފެށުމަށް ނިންމައިފި.

މަންޓާ އެއަރއިން ކޫއްޑޫއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެކަކުން ފެށިގެންނެވެ.

މަންޓާ އެއަރއިން ބުނީ މާލެއިން ކޫއްޑުއަށް އަދި ކޫއްޑުއިން މާލެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ދަތުރުތައް ކުރިއަށްގެންދާނީ ކުރީ ބައިގައި ޝެޑިއުލް އާންމުކުރެވި ބުކް ކުރެވޭގޮތަށްކަމަށެވެ. އަދި މަންޓާގެ ރަސްމީ ވެބްސައިޓް www.mantaair.mv އިން މިހާރު ޓިކެޓް ގަނެވޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ.

މަންޓާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ ތިންވަނަ އެއަރލައިނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ޑިސެމްބަރު މަހު ކުއްޑޫއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު މިހާރު މަންޓާ އެއަރއިން ދަނީ ބ. ދަރަވަންދޫއަށާއި ދ. ކުޑަހުވަދޫއަށް ދަތުރުތައް ބާއްވަމުންނެވެ.

ޝެޑިއުލް ފްލައިޓްތަކުގެ އިތުރުން މި އެއަރލައިން ވަނީ ސީޕްލޭން ދަތުރުތައް ވެސް ފަށާފައެވެ.

މި އެއަރލައިންގެ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރުމަށް 6 ބޯޓެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. ސީޕްލޭންގެ ދަތުރުތައް އެ އެއަރލައިނުން ދެމުންދާނީ ރާއްޖޭގެ 2 ރިސޯޓަކަށެވެ. ސީޕްލޭންގެ ޙިދުމަތްދިނުމަށް ޖުމްލަ 10 ބޯޓު ގެނައުމަށް ހަމަޖެހިފައިވާކަމަށް މަންޓާ އެއަރއިން ބުނެއެވެ.

މަންޓާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ދަތުރުތައް ކުރަމުންދާ ތިންވަނަ އެއަރލައިނެވެ. މަންޓާ އެއަރގެ އިތުރުން މިހާރު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި ވިލާ އެއަރއެވެ.