ޚަބަރު

އޮމާނަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޚަލީލަށް ރުހުންދީފި


އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގ.އުތުރުގެއާގެ، މުޙައްމަދު ޚަލީލް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޚަލީލަށް ރުހުން ދިނުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ވޯޓުންނެވެ.

މީގެ ކުރިން ބަޙްރައިންއާއި އޮމާނަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމުގައި ހުންނެވީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒެވެ. ނަމަވެސް ނިޔާޒް ވަނީ އޮމާނަށް ކަނޑައަޅާ ނޮން-ރެސިޓެންޓް ސަފީރުކަމުން ނަންފުޅު އަނބުރާ ގެންދަވާފައެވެ.

އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރުހުންދެއްވި ޚަލީލަކީ ސަޢުދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައިހުންވާ ސަފީރެވެ. ސަޢުދީ ޢަރަބިއްޔާގެ ސަފީރަކަށް ޚަލީލް ޢައްޔަނުކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.

މުޙައްމަދު ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޚަލީލް ވަނީ 1983ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަޤާމުތައް ފުރުއްވާފައެވެ. މީގެއިތުރުން މުޙައްމަދު ޚަލީލު ވަނީ އިންޑިޔާގެ ޖަވާހިރްލާލް ނެހުރޫ ޔުނިވަރސިޓީއިން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.