ޚަބަރު

ހަރުކަށި ވިސްނުމުގެ ބައެއް ފުލުހުންގެ ތެރޭގައި ނެތް - ސީޕީ


ހަރުކަށި ވިސްނުމުގެ ބައެއް ފުލުހުންގެ މުވައްސަސާތަކުގެ ތެރޭގައި ނެތްކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ނުވަތަ 241 ކޮމިޓީގައި މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ މުވައްސަސާގައި ދީނީ ގޮތުން ހަރުކަށި ވިސްނުމާއި، އެވިސްނުން ގެންގުޅޭ މީހަކު ނެތްކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

"އަޅުގަނޑުގެ ލީޑަރޝިޕްގެ ދަށުގައި އޮތް ފުލުހުންގެ ފޯސްގައި ހަރުކަށި ވިސްނުމުގެބަޔަކުނެތް. ފުލުހުންގެ މުވައްސަސާ އޮތީ އެއަށްވުރެ މާބޮޑަށް ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކަތި ގަނޑެއްގެ ގޮތުގައި. ފުލުހުންގެ ތެރޭގައި އެއްވެސް "އަދިރި ދައުލަތެއް" ހަރުކަށި ވިސްނުމެއް ނެތް." ކަމިޝަނާ ވިދާޅުވިއެވެ.

ފުލުހުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަމާންކަމާއި ސަލާމަތްކަން ކަށަވަރުކޮށްދީ، މުޖުތަމައުގައި ހިނގާ ހަރުކަށި ވިސްނުމާއި، ސަލާމަތަށް ނުރައްކާވާކަންކަން ހުއްޓުވުމަށްކަމަށް ސީޕީ ވިދާޅުވިއެވެ. ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ހަރުކަށި ވިސްނުމުގެ ފިކުރު ފަތުރެމުންދާބަޔަކީ ކޮބައިކަން ފުލުހުން ދެނެގެންފައިވާކަމަށެވެ.

މި ކޮމެޓީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ "އަދިރި ދައުލަތް" އަކީ ކޮބައިކަން ރައްޔިތުން ގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކަން ސިފަކުރައްވާ ބޭފުޅުން ހާމަކޮށްދެއްވަންޖެހޭކަމަށެވެ. ފުލުހުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް ބައެއް މެމްބަރުން ވިދާޅުވާ "އަދިރި ދައުލަތް" އަކީ ކޮބައިކަން ސާފު ނުވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވަރަށްބޮޑު ސުވާލެއް އެބަ އޮތް މަޖިލީހުގެ މެމްބަރުގެ ތެރެއިން "އަދިރި ދައުލަތް" މިނަން ބޭނުންކޮށްގެން ވާހަކަ ދައްކަވާ މެމްބަރުންނަށް. އަޅުގަނޑަށްވެސް ކަމިޝަނާއަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް ތިޔަ ވިދާޅުވާ އަދިރިދައުލަތަކީ ކޮބައިކަން ނޭގޭ. އެކަން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އަޅެ ކިޔާލަ ދެއްވި ބައްލަވާ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ހަރުކަށި ވިސްނުމުގެ މީހުންގެ ކަންތައް އުފެދިގެން އައީ ހިމަންދޫ ކޭހާއި ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލި މައްސަލަތަކަށްފަހުކަމަށެވެ. މި ގޮތުން މި ދެ މައްސަލާގައި ކުށްވެރިވެ ޖަލަށްލީ މީހުން ތިބީ އާއްމު އެހެން ކުށްވެރިންނާއި އެކުކަމަށާއި އެމީހުން ޖަލުން ނުކުތް އިރު ހަރުކަށި ވިސްނުންމަށް ބައެއް މީހުން ބަދަލުވެފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ.

ހަރުކަށި ވިސްނުމާއި، ރާއްޖޭގައި ހިންގާ ހަރުކަށި ފިކުރުގެ އަމަލުތަކާިއ ދެކޮޅަށް މަޖިލީހުގެ މިހަފްތާގެ ޖަލްސާތަކުގައި ގަރާރުތައް ހުށަހަޅާގެން ވަނީ ބަހުސްކޮށްފައެވެ. މިބަހުސްތަކުގައި މެމްބަރުންވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ނައްތާލުމަށް އެކަށީގެން މަސައްކަތް ކަމާއިބެހޭ މުވައްސަސާތަކަށް ނުކުރެވޭކަމަށް ވިދާޅުވެފައެވެ.