ޚަބަރު

އައްޑޫ މޭޔަރުކަމަށް ނިޒާރު އާއި ސޯބެ ޝައުގުވެރިކަން ފާޅުކޮށްފި


އައްޑޫސިޓީގެ މޭޔަރކަމަށް ކުރީގެ ހިތަދޫ ދެކުނު ދައިރާގެ މެމްބަރު އަލީ ނިޒާރު، އަދި މިހާރުގެ މޭޔަރ އަބްދުﷲ ސޯދިޤް ކުރިމަތިލުމަށް ނިންމައި، އެކަން އިއުލާންކޮށްފިއެވެ.

ސިޓީ މޭޔަރކަމަށް މިހާރުގެ މޭޔަރ ސޯދިޤް ކުރިމަތިލުމަށް ނިންމާފައިވާއިރު، މިއީ މޭޔަރ ކަމުގެ މަޤާމަށް އޭނާ ކުރިމަތިލައްވާ 4 ވަނަ ދައުރެވެ. މިހާރު ހިނގަމުންދާ ދައުރާއެކު މިއީ އައްޑޫ ސިޓީގެ މޭޔަރގެ މަޤާމު ސޯދިޤް ފުރުއްވާ 3 ވަނަ ދައުރެވެ. މީގެ ކުރިން އޭނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫ އަތޮޅު ކައުންސިލަރެއްގެ މަޤާމު ވެސް އަދާ ކުރައްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލަށް 3 ދައުރުވެސް ސޯދިޤު ސިޓީ ކައުންސިލަށް ހޮވިފައިވަނީ، ހިތަދޫ އުތުރު ދައިރާގެ ކައުންސިލު މެންބަރެއްގެ ގޮތުގައެވެ.

މަޖިލީހުގެ ކުރީގެ މެންބަރު ނިޒާރު އައްޑޫ ސިޓީގެ މޭޔަރގެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމެވީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާރު އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދައިރާ ތަމްސީލު ކުރެއްވި މެންބަރެކެވެ. ނަމަވެސް މިހާރު ހިނގަމުންދާ މަޖިލީހަށް ވާދަކުރެއްވުމަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީން އޭނާ ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިވަޑައިގެންފައެވެ.

އައްޑޫގެ މޭޔަރ ކަމަށް ދެބޭފުޅުން ކުރިމަތިލާން ނިންމައި އިއުލާން ކޮށްފައިވާއިރު، މިހާރު މަޖިލީހުގައި އޮތް ލާމަރުކަޒީ ޤާނޫނުގެ އިސްލާހު ފާސްވެގެން އަންނައިރު، ސިޓީ ކައުންސިލުގެ މޭޔަރު ރައްޔިތުންގެ ވޯޓުން ހޮވާ ގޮތަށް ބަދަލުވެގެން ދާނެކަމަށް ބެލެވެއެވެ.