އަތޮޅުތައް

ނ. އަތޮޅުގެ ރަށްރަށުގައި ޑެންގީއިން ރައްކާތެރިވުމަށް ސާފުކުރަނީ


ގައުމީ ފެންވަރުގައި ޑެންގީ ކޮންޓްރޯލު ކުރުމަށްޓަކާ ކުރިއަށްގެންދާ
ހަރަކާތްތަކުގެ ދަށުން ޑެންގީ ފެތުރުން ހުއްޓުވުމުގެ ގޮތުން ނ.އަތޮޅު ރަށްރަށުގައި
ސާފުކުރުމުގެ ޕްރޮގްރާމްތަކެއް އިއްޔެ އިން ފެށިގެން ކުރިއަށް އެބަގެންދެއެވެ.



މިދުވަސްވަރަކީ ރާއްޖޭގައި ހަލުވި މިނެއްގައި ޑެންގީ
ހުން ފެތުރެމުން އަންނަ ދުވަސްވަރަކަށްވާތީ، މިބަލިން ރައްކާތެރިވެ ތިބުމަށް
އަޅަންޖެހޭ ފިޔަވަޅުތައް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އަޅަމުން ގެންދާ
ކަމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝަރީފް ޕީއެސް އެމް އަށް މައުލޫމާތު
ދެއްވަމުން ވިދާޅުވިއެވެ.



އަލީ ޝަރީފް ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ރަށުފެންވަރުގައި ޓާސްކްފޯސް
އެކުލަވާލާ މި ހަފްތާ ބަންދުގައި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކެއް އިއްޔެ
އާއި މިއަދު ރަށްރަށުގައި ފަށައިގެން ކުރިއަށް ގެންދާކަމަށެވެ.



އެގޮތުން އިއްޔެ އެއަތޮޅު ޅޮހި، ލަންދޫ އަދި ކުޑަފަރީގައި ވަނީ މަދިރި އުފެދި
އާލާވާ ތަންތަން ހުރިތޯ ބަލާ އެފަދަ ތަންތަން ނައްތާލުމަށްޓަކައި ރަށުފެންވަރުގައި
ހަރަކާތްތަކެއް ފަށާފައެވެ. އެ ހަރަކާތްތަކުގައި އެރަށްރަށުގައި ހުރި ސަރުކާރުގެ
މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތަކުގެ އިތުރުން ސްކޫލު ކުދިންވެސް ބައިވެރިވާ
ކަމަށް ނ.އަތޮޅު ކައުންސިލުން މަޢުލޫމާތުދެއެވެ.



އަދި މިއަދުވެސް އެއަތޮޅު ގިނަ ރަށްރަށުގައި މި ހަރަކާތްތައް ކުރިއަށް
ގެންދަން ހަމަޖެހިފައިވާ ކަމަށާއި މި ހަރަކާތުގެ ތެރެއިން މަދިރި އާލާވާ ތަންތަން
ނައްތާލުމުގެ އިތުރުން ޑެންގީ އާއި ބެހޭ މުހިއްމު މައުލޫމާތުތައް ރައްޔިތުންނަށް
ފޯރުކޮށްދެމުން ދާކަމަށް ވެސް ކައުންސިލުން ބުނެއެވެ.