ކުޅިވަރު

ވީއޭއެމްގެ މައްސަލަ ހައްލުކުރަން މިނިސްޓަރ މަޚްލޫފް އެފްއައިވީބީއަށް


ދިވެހި ރާއްޖޭގެ ވޮލީބޯޅައަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފް، ދުނިޔޭގެ ވޮލީބޯޅައާއި ބެހޭ މައި އިދާރާ (އެފްއައިވީބީ)ގެ ރައީސް ޑރ. އަރީ ގްރާސާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ ސްވިޓްޒަލެންޑުގައި ހުންނަ އެފްއައިވީބީގެ އިދާރާގައެވެ.

މިނިސްޓަރ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ، މި ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ވޮލީބޯޅައިގެ ހާލަތާއި، ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގައި ހުރި މައްސަލަތަށް ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ވޮލީބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ. މި ބައްދަލުވުންތަކުގައި މިނިސްޓަރ މަޚްލޫފާއިއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރްޒޫގުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި ގާނޫނާއި ޚިލާފު ކަންތައްތަކެއް ހުރިކަމަށްބުނެ ކޮމިޝަނަރ އޮފް ސްޕޯޓްސް، ވީއޭއެމްގެ އެކްސްކޯ އުވާލުމަށްފަހު ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީއާ އެސޯސިއޭޝަންގެ ހިންގުން ހަވާލުކުރީ މިއަހަރުގެ ޖޫންމަހުގެ 10ވަނަ ދުވަހުއެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފައިވަނީ 3މަސް ދުވަހުގެ ތެރޭގައި އެސޯސިއޭޝަންގައި ހުރި މައްސަލަތައް ހައްލުކޮށް އަލުން އިންތިޚާބެއް ބޭއްވުމަށެވެ. ނަމަވެސް 3މަސް ދުވަހުގެ ތެރޭގައި އެކަން ނުވުމުން އިތުރު 1މަސްދުވަސް ސްޕޯޓްސް ކޮމިޝަނަރ ކޮމިޓީއަށް ވަނީ ދީފައެވެ.

ފަހުން އިންތިޚާބު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރީ އިންތިޚާބު ތާވަލުކޮށް ބާއްވަން އެއްދުވަހަށް ވެފައި ވަނިކޮށް އިންތިޚާބު ބަލައި ނުގަންނާނެ ކަމަށް އެފްއައިވީބީން އޭރު އެންގުމުންނެވެ. އެއިދާރާއިން އެގޮތަށް އެންގީ ވީއޭއެމްގެ ކުރީގެ ރައީސް ރިޔާޒް އެފްއައިވީބީއަށް ފޮނުވި ސިޓީއަކަށް ޖަވާބުދެއްވަމުންނެވެ.

ފަހުން ވީއޭއެމްގެ ހިންގުން ހުސްކަމަކަށް އައިސްފައި ވަނިކޮށް ކްލަބުތަކުން އިސްނަގައިގެން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފްގެ އިތުބާރު ނެތްކަމަށް ވޯޓަކުން ފާސްކޮށްފައެވެ. އެ ކޮންގްރެސް އޮބްޒާވް ކޮށްފައިވަނީ އެމްއޯސީންނެވެ.

ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރްޒޫގު އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއާ ބައްދަލުކުރައްވާފައި ވާއިރު، އަންނަ މަހުގެ ހަތަރުވަނަ ދުވަހު އޮންނަ އެފްއައިވީބީގެ އެނުއަލް ކޮންގްރެސްގައި ރާއްޖޭގެ ވޮލީބޯޅައިގެ މައްސަލަ އޮތީ ތާވަލުކޮށްފައެވެ.