ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު މުދާ އުފުލުމަށް ލުއި ގޮތްތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސަވައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ވަކި ގަޑިތަކެއްގައި މުދާ އުފުލޭނީ ވަކި ކަހަލަ އުޅަނދުތަކެއްގައެވެ. ނަމަވެސް ސްކޫލް ޗުއްޓީ ދުވަސްވަރުކަމަށްވާ 25 ނޮވެމްބަރުން 5 ޖެނުއަރީއާ ހަމައަށް 24 ގަޑިއިރު ހުރިހާ އުޅަނދުތަކެއްގައިވެސް މުދާ އުފުލޭނޭކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މި ބަދަލުގެނައީ މި ދުވަސްވަރަކީ މިއަހަރުގެ ސްކޫލް ބަންދު ދުވަސްވަރުކަމުން ދަތުރުފަތުރުގެ ކަންކަމުގައި ވިޔަފާރިވެރިންނާއި އާންމުނަށް ފަސޭޙަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށްކަމަށެވެ.
މިއަހަރުގެ މެދުތެރޭގައިވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މާލެއާއި ހުޅުމާލޭގައި މުދާ އުފުލޭ ގަޑިތަކަށް ބަދަލުގެނެސް، މުދާ އުފުލޭ ވަގުތުތައް އިތުރުކޮށްފައެވެ. އެބަދަލާއިއެކު 350 ކިލޯގެ ޕިކަޕްތަކަށް 24 ގަޑިއިރު މުދާ އުފުލޭނެކަމަށް ކަނޑައަޅާފައިވާއިރު، ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް 350 ކިލޯއިން ފެށިގެން ދަށުގެ އުޅަނދުތަކުގައި މުދާ އުފުލޭނެއެވެ. އަދި 350 ކިލޯއިން ފެށިގެން މަތީގެ އުޅަނދުތަކުގައި މުދާ އުފުލޭނީ މެނދުރު 1:30 އިން ފެށިގެން ހެނދުނު 6:00 އަށްކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް، ސްކޫލް ބަންދާއި ދިމާކޮށް މިގެނައި ބަދަލާއިއެކު 350 ކިލޯއިން ފެށިގެން މަތީގެ އުޅަނދުތަކަށްވެސް 24 ގަޑިއިރު މުދާ އުފުލޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ.
މާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނަޔަސް، ބްރިޖު މަތިން މުދާ އުފުލާ ގަޑިތަކަށް ބަދަލެއް ނުގެނެއެވެ. އެހެންކަމުން 2 ޓަނުން ދަށުގެ އުޅަނދުތަކަށް 24 ގަޑިއިރު ބްރިޖު މަތިން މުދާ އުފުލޭއިރު، 2.1 ޓަނުން ފެށިގެން މަތީގެ އުޅަނދުތަކަށް ބްރިޖު މަތިން މުދާ އުފުލޭނީ އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 ޖަހަންދެންކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މަޢުލޫމާތުދެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މަޢުލޫމާތުދޭ ގޮތުގައި މުދާ އުފުލާ ގަޑިތަކަށް ގެނައި ވަގުތީ ބަދަލު ދެމި އޮންނާނީ އަންނަމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަރުކާރުން މާލެއާއި ހުޅުމާލޭގައި މުދާ އުފުލުމުގައި ވަކި އުސޫލެއް ގެންގުޅެން ފެށީ މާލޭގެ މަގުތަކުގެ ކާރު ބާރުބޮޑުވުން ކުޑަކޮށް ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ގޮތްތަކެއް ރައްޔިތުންނަށް ފަހިކޮށްދިނުމަށްކަމަށެވެ.