ވިޔަފާރި

މަންޓާ އެއަރގެ 6 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި


މަންޓާ އެއަރގެ 6 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފިއެވެ.

މަންޓާ އެއަރއިން މިފަހަރު ގެނައި ސީޕްލޭންއަކީ ވެސް "DH6-300 ޓްވިން އޮޓަރ" މަރުކާގެ ބޯޓެކެވެ. ކެނެޑާގެ ޑިހެވިލޭންޑް ކުންފުނިން އުފެއްދި މި ބޯޓު ރާއްޖެ ގެނެސްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

މަންޓާ އެއަރއިން ދާދިފަހުން ވަނީ އެއަރލައިންގެ ސީޕްލޭން ދަތުރުތައް ފަށާފައެވެ. މި ދަތުރުތައް ފަށާފައިވަނީ 5 ސީޕްލޭންއާއެކުއެވެ.

ސީޕްލޭންގެ ދަތުރުތައް އެ އެއަރލައިނުން އަދި ދެމުންދާނީ ރާއްޖޭގެ 2 ރިސޯޓަކަށެވެ. ސީޕްލޭންގެ ޙިދުމަތްދިނުމަށް ޖުމްލަ 10 ބޯޓު ގެނައުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

މިއެއަރލައިންގެ އުދުހުންތައް މި ވަގުތު ބާއްވަމުން ގެންދަނީ ބ.ދަރަވަންދުއަށާއި ދ.ކުޑަހުވަދޫއަށެވެ. މަންޓާ އެއަރއިން މިހާރު ދަނީ އިތުރު މަންޒިލަކަށް ދަތުރުތައް ފެށުމުގެ މަސައްކަތްވެސް ކުރަމުންކަމަށް އެއަރލައިނުން ބުނެއެވެ.