ޚަބަރު

ޤަވައިދާ ހިލާފަށް ވަދެ އުޅުނު ބޯޓެއް ދިވެހި މަސްވެރިން ހިފަހައްޓައިފި


ރާއްޖޭގެ ސަރަހަދަށް ޤަވައިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ދިވެހި މަސްވެރިން ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިވެހި މަސްވެރިންތަކެއް ބޭރުގެ މަސްބޯޓެއް ހިފަހައްޓާ އެކަމުގެ ރިޕޯޓް ހުށައަޅާފައިވަނީ މެންދުރު 11:25 އެހާކަންހާއިރު ކަމަށެވެ. މިބޯޓު ހިފަހައްޓާފައިވަނީ ފުވައްމުލަކު އިރުން 10 ނޯޓިކަލް މޭލު ބޭރުންކަމަށާއި ދިވެހި މަސްވެރިންގެ ބެލުމުގެ ދަށަށް ގެނައި ބޯޓްގައި 7 މީހުން ތިބިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިބޯޓު ގއ.ކަނޑުހުޅުދޫއަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި މައްސަލަ ތަހުޤީގުކުރަމުން އަންނަަކަމަށް ދިފާއީ ބާރުތަކުން ބުނެއެވެ.

ދަތުރުކުރާ މިފަދަ އުޅަނދު ފަހަރު މަސްވެރިން ނުހިފެއްހެއްޓުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރެއެވެ. އަދި ޝައްކުކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފްގެ ހިލޭ ގުޅޭ ނަމްބަރު 119 ގުޅާ ރިޕޯޓްކުރުމަށްވެސް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރެއެވެ.

މިދިޔަ ހުކުރު ދުވަހުވެސް ޤަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ 7 މަސްބޯޓް ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މާލޭގެ އިރުން 175 މޭލެ ބޭރު މި ބޯޓްތައް އަތުލައިގެންއިރު އެތަނުން ދެ ބޯޓުން މަސްވެރިކަން ކުރަމުންދިޔައީ ދާ އަޅައިގެންކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.