ޚަބަރު

ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަޙްގީޤު ރިޕޯޓް ފުރިހަމަ ނޫންކަމަށް ބުނުމުގެ ޖާގައެއްނެތް - ޙުސްނުއްސުޢޫދު


ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙްގީގުކޮށް އެކުލަވާލި ރިޕޯޓް ފުރިހަމަ ނޫންކަމަށް ބުނެވޭނެތަނެއް ނެތްކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް ޙުސްނުއް ސުޢޫދު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަޙުޤީގުކުރުމަށްފަހު މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިމަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާއްމުކުރައްވާފައިވާއިރު، ޑރ.އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓާ ގުޅިގެން ހައްޔަރުކުރަންޖެހޭ މީހަކު ނެތްކަމަށް މަރު ކޮމިޝަނުން ވިދާޅުވެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިއަދުވަނީ ވިދާޅުވެފައެވެ.

މިކަމާގުޅިގެން ސިޔާސީ ބައެއްފަރާތްތަކުންނާއި ޚާއްސަކޮށް ރިޕޯޓުގައި ނަންހިމަނާފައިވާ ބައެއް ފަރާތްތަކުން ވަނީ މިއީ އިޚްލާސްތެރިކަމެއް ނެތް އަވާމެންދުރެއްފަދަ ރިޕޯޓެއްކަމަށް ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް މަރު ކޮމިޝަނުގެ ރައީސް ޙުސްނުއް ސުޢޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކޮމިޝަނުނުގެ ރިޕޯޓް ފުރިހަމަ ނޫންކަމަށް ބުނެވޭނެތަނެއް ނެތްކަމަށެވެ. މީގެ އިތުރުން ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮންބައެއްކަން އެއްވެސް ޝައެއްކެތްނެތް މިންވަރަށް ރިޕޯޓްގައިވާ ތިންހެކިންގެ ހެކިބަހުންނާއި ވޭތުވެދިޔަ ހަތްއަހަރު ފުލުހުންނާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އެއްކުރައްވާފައިވާ މަޢުލޫމާތުތަކުން އެންގޭކަމަށްވެސް ޙުސްނުއް ސުޢޫދު ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް ޙުސްނުއް ސުޢޫދު ކުރެއްވި ޓުވީޓް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓާގުޅިގެން އެކޮމިޝަންގެ ބޭފުޅުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްއާއި، ފުލުހުންނާއި 2 ފަހަރެއްގެ މަތިން ބައްދަލުކޮށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއިމެދު އަމަލުކުރާނެ ގޮތަކާއިމެދު މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި މިމައްސަލާގައި ޝާމިލްވާ އެއްވެސް ފަރާތެއް ހައްޔަރުކުރުމަށް ނުފެންނަކަމަށް ކޮމިޝަނުން ވިދާޅުވެފައިވާކަމަށާއި، މައްސަލާގައި ޝާމިލްވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ މީހުންނާމެދު ކުރިން ކުރެވުނު ތަހުޤީގުތަކަށްފަހު އިތުރު ހެއްކެއް ލިބިފައިނުވާތީ އެމީހުން ހައްޔަރުކުރެވޭނެ ގޮތެއްނެކަމަށް ކޮމިޝަނުން ވިދާޅުވެފައިވާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގައި ޖަމިއްޔަތުލް ސަލަފާއި، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނޭ ގޮތަށް ޖިނާޢީ ކުށްކުރި މީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައި ކޮމިޓީން ހުށައެޅި ރިޕޯޓް ފާސްކޮށްފައެވެ.