ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ މަގުފަހިކުރުމާއި، ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ޔޫރަޕްގެ ޤައުމުތަކުން ނަގާ ޑިއުޓީ ކަނޑާލުމާ ބެހޭގޮތުން ރާއްޖެއިން މަޝްވަރާކުރަން ނިންމައިފިއެވެ.
ރާއްޖެއިން މިމަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، މިމަހުގެ 27އިން 29އަށް ފިންލެންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ފިންލެންޑްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕެއްކާ ހާވިސްޓޯއާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އިތުރު ދާއިރާތަކުން ގުޅުން ޤާއިމްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. ފިންލެންޑްގެ ފޮރިން މިނިސްޓަރުގެ އިތުރުން އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ލީއެންޑަރސަންއާއި، ފިންލޭންޑުގެ ބައެއް ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެއެވެ.
ފިންލެންޑަކީ މިހާރު ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުން، ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ޔޫރަޕްގެ ޤައުމުތަކުންނަގާ ޑިއުޓީ ކަނޑާލުމާ ބެހޭގޮތުންނާއި ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ މަގުފަހިކުރުމާބެހޭގޮތުން ފިންލޭންޑްގެ އޮފިޝަލުންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.
މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި ފިންލެންޑާދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. މިއެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ވިޔަފާރި އުޞޫލުން ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
ފޮރިން މިނިސްޓަރ ޝާހިދު މިހާރު ހުންނެވީ ސައުދީއަރަބިއްޔާގައެެވެ. އެމަނިކުފާނު ސައުދީއަރަބިއްޔާއަށް ވަޑައިގެންފައިވަނީ، އޯ.އައި.ސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.