ހދ. ނެއްލައިދޫ ގޭބީސީތަކުންނާއި ވިޔަފާރިކުރާ ތަންތަނުން އުކާލާ ކުނި ނެގުމުގެ ޚިދުމަތް އެރަށު ކައުންސިލުން ފޯރުކޮށްދޭން ނިންމައި އެ ޚިދުމަތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ނެއްލައިދޫ ކައުންސިލުން ބުނީ މިގޮތަށް ނިންމީ ނެއްލައިދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖް ކުރަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލު ކުރެވިފައިވާ ރަށަށް ހެދުމުގެ މަޤްޞަދުގައިކަމަށެވެ.
އަދި ކުނި މެނޭޖް ކުރުމާބެހޭ މަޢުލޫމާތު މިއަހަރުގެ ފެބުރުއަރީ އަދި އޮކްޓޯބަރ މަހު ރައްޔިތުންނާ ޙިއްޞާ ކޮށްފައިވާ ކަމަށާއި އެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށްވެސް އެ އެކައުންސިލުންބުނެއެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ކުނި ކޮށްޓަށް ގެންދާ ކުނި މެނޭޖް ކުރުމަށް ގޭޓް ފީއެއް ނެގޭނެކަމަށްވެސް އެ ކައުންސިލުން ކުރިންވަނީ ހަމަޖައްސާފައެވެ.
ނެއްލައިދޫ ކައުންސިލުން ކުނިމެނޭޖް ކުރުމަށް ނިންމި އުސޫލްގައި ވާގޮތުން މީހުން ދިރިއުޅޭ ގޭބިސީތަކުން މަހަކަށް 130ރުފިޔާ އަދި ފަޅު ގޯއްޗާއި ގެވަޅުތަކުން މަހަކަށް 75 ރުފިޔާއާއި، ވިޔަފާރިތަކުން މަހަކަށް 200 ރުފިޔާ ނަގާގޮތަށްވަނީ އެ ކައުންސިލުން ނިންމާފައެވެ. އަދި ރަޖިސްޓޜީ ނުކުރާ ފަރާތްތަކުން ކުނި އުކާލާއިރު ގޭޓް ފީ އެއްގެ ގޮތުގައި އަގު ނަގާގޮތަށްވެސް ވަނީ ނިންމާފައެވެ.
އެގޮތުން ގޭޓް ފީގެ ގޮތުގައި ވީލްބަރޯގައި ކުނި ގެންދާނަމަ ދަތުރަކަށް 10ރ އަތްގާޑިއަލުގައި ނަމަ ދަތުރަކަށް 15ރ 1.5 ޓަނަށް ވުރެން ބޮޑު ޕިކަޕެއްގައި ނަމަ ދަތުރަކަށް 30ރ ގެ އިތުރުން 1.5 ޓަނަށްވުރެން ކުޑަ ޕިކަޕެއްގައި ނަމަ 20ރ އަދި އާދައިގެ ބާޒާރު ކޮތަޅެއްގައި ނަމަ 3ރ އާއި ބޮޑެތި ކޮތަޅު، ޑަސްބިން ކޮތަޅު ގޯނި ބާލިދީ ފަތަ ތަކެތީގައި ނަމަ 5ރ ނަގާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
މިކަމާގުޅޭ މައުލޫމާތު މިހާރުވަނީ ނެއްލައިދޫ ކައުންސިލުން ޢާންމުކޮށްފައެވެ. އާބާދީގައި 1300 އެއްހާ މީހުން ދިރިއުޅޭ ނެއްލައިދޫގައި މީހުން ދިރިއުޅޭ 250 ހެއްހާ ގެ ހުރެއެވެ.