ޚަބަރު

ތިލަފުށީގައި ކުނި އެންދުމުން އަރާ ދުމުގެ މައްސަލަ ހުއްޓުވުމަށް ޚާއްސަ މެޝިނެއް ގެންނަނީ


ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން އަރާ ދުމުގެ މައްސަލަ ޙައްލުކުރުމަށް، ކުނިގޮނޑު މެނޭޖްކުރުމަށް ލޭންޑްފިލް ކޮމްޕެކްޓަރ ގެނައުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މިއެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ހަސަނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު ޢަލީއެވެ.

ލޭންޑްފިލް ކޮމްޕެކްޓަރ އަގަކީ ނުވަ މިލިޔަން ހަސަތޭކަ ފަސްދޮޅަށް ފަސް ހާސް ރުފިޔާއެވެ. މި ކޮމްޕެކްޓަރ ގެނައުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވޭތާ 4 މަސް ދުވަހުގެ ތެރޭގައެވެ. ލޭންޑްފިލް ސައިޓްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ މިކޮމްޕެކްޓަރަކީ ބޯމެގް ބްރޭންޑުގެ "ބީސީ ފައިވް ސެވަން ތްރީ އާރް ބީ ތްރީ" ކޮމްޕެކްޓަރެކެވެ. މިކޮމްޕެކްޓަރުގެ ދިގުމިނުގައި 8.6 މީޓަރު، ފުޅާމިނުގައި 3.6 މީޓަރު އަދި ބަރުދަނުގައި 28.8 ޓަނު ހުންނާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސް ވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު ތިލަފުށިން ދުން އެރުން ހުއްޓުވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުނިގޮނޑުގައި ހުރި ކުންޏާއި ވެލި ވަކިކުރަން ބޭނުންކުރާ މެޝިނާއި ކުނި މެނޭޖް ކުރަން ބޭނުންކުރާ މެޝިންތައް ވެސް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތިލަފުއްޓަށް ކޮންމެ ދުވަހަކު 500 އެއްހައި ޓަނުގެ ކުނި ޖަމާކުރެއެވެ. އެކުނިތައް ރަނގަޅަށް މެނޭޖް ނުކުރެވޭތީ އެ ތަނުގައި މަސައްކަތް ކުރަން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަންނަ އަހަރު ކުރީކޮޅު ތިލަފުށިން ދުން އެރުމުގެ ކަންތައް ނިމުމަކަށް ގެންނާނަން ވޭސްޓް ފެސިލިޓީސްތައް ގާއިމްކޮށް އެކަން ފުރިހަމަކުރެވޭނެ. އެކަމަށް ގާތްގަނޑަކަށް މުޅި ފެސިލިޓީސްތައް ގާއިމްކުރަން ހަތަރު އަހަރު ނަގާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ތިލަފުށީގައި ހުރި ކުނިގޮނޑުގައި ހުރީ، ކުނީގެ މައްޗަށް ކުނި އަޅާފައި ކަމަށެވެ. އެހެންކަމުން ދުން އެރުން ހުއްޓުވުމަށް ޓަކައި ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ކުނިގޮނޑު ފުރޮޅައި އޭގެ އަޑީގައި އޮތް އަލިފާންގަނޑު ނިއްވާލުންކަމަށެވެ.

"އޭގެ ތެރޭގައި އެބައުޅޭ ގާތްގަނޑަކަށް އެކްސްޕާޓުން މިބުނަނީ ގާތްގަނޑަކށް 60 ޕަސެންޓްހާވަރު އެއީ ވެއްޔޭ. ވެލީގެ ބައި ނެގީމަ ކުނިގޮނޑު ކުޑަވާނެ. ދެން ހުންނާނީ ދަޅާ މައުދަނުގެ ބާވަތްތަކާ ދަގަނޑުގެ ބާވަތްތަކާ އަދި ލަކުޑިއާ ޕްލާސްޓިކާ ފޮއްޗާ މިކަހަލަ ބާވަތްތައް ހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން އަރާ ދުން ހުއްޓުވުމަށާ، ކުނިގޮނޑު މެނޭޖްކުރުމަށް ލޭންޑްފިލް ކޮމްޕެކްޓަރ ގެނައުމަށް ހަވާލުކޮށްފައިވާއިރު އެ ރަށުގައިވަނީ މާލެއާއި މި ސަރަޙައްދުން ތިލަފުއްޓަށް އުފުލާ ކުނި އެންދުމަށް ތިމާވެއްޓާ ރައްޓެހިކޮށް ކުނި އަންދާ 5 މެޝިން ބަހައްޓާފައެވެ. ތިލަފުށީގައި ބަހައްޓާފައިވާ 5 އިންސިނަރޭޓަރުން ދުވާލަކު 20 ޓަނުގެ ކުނި އެންދޭނެއެވެ.