ވިޔަފާރި

ގޯއެއަރގެ ދަތުރުތައް އާދީއްތަ ދުވަހު ރާއްޖެއަށް ފަށަނީ


ގޯއެއަރގެ ދަތުރުތައް ޑިސެމްބަރުމަހުގެ 1 ގައި އަލުން ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގޯއެއަރއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެ އެއަރލައިންއިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މިއަހަރުގެ ޖުލައިމަހުން ފެށިގެން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ގޯއެއަރއިން އަންނަ މަހު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު އިންޑިއާގެ ތިން ސިޓީއަކުން ރާއްޖެއަށް ދަތުރުތައް ކުރާނެއެވެ. އެގޮތުން މުމްބާއި، ދިއްލީ އަދި ބެންގަލޫރުން ސީދާ ފްލައިތްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މުމްބާއި އިން މާލެއަށް އަދި މާލެއިން މުމްބާއީއަށް ދަތުރުތައް ބާއްވާނީ ކޮންމެ ހަފްތާއެއްގެ ބުދަ، ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ.

ދިއްލީން މާލެއަށް އަދި މާލެއިން ދިއްލީއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. ބެންގަލޫރުން މާލެއަށް އަދި މާލެއިން ބެންގަލޫރަށް ފްލައިޓްތައް ޝެޑިއުލްކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި އާދީއްތަ ދުވަހުގައެވެ.

މި ދަތުރުތަކަށް ވޮޔޭޖަސް މޯލްޑިވްސް މެދުވެރިކޮށް މިހާރުވެސް ޓިކެޓް ބުކް ކުރެވޭނެއެވެ.

ގޯއެއަރގެ ދަތުރުތައް އަލުން ރާއްޖެ ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މިމަހުގެ ތެރޭ އިޢުލާނުކޮށްފައެވެ.

މިނިސްޓަރ ވަނީ ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާގެ ގޯ އެއަރގެ ދަތުރުތައް އަންނަ މަހު ރާއްޖެ ފަށާނެކަމުގެ ޔަޤީންކަންދީފައެވެ.

ގޯ އެއަރއިން މީގެ ކުރިން ކުރި ދަތުރުތަކުގައި މާލެއިން ބެންގަލޫރަށް ހަފްތާއަކު ދެ ދަތުރު، މާލެއިން ދިއްލީއަށް ތިން ދަތުރު އަދި މާލެއިން މުމްބާއީ އަށް ހަތަރު ދަތުރު ކުރިއެވެ. ގޯއޭއާގެ ފްލައިޓްތައް ހުއްޓާލުމުން މާލެއާ ދިއްލީއާ ދެމެދު ޑައިރެކްޓް ފްލައިޓެއް މިހާރު ނޯވެއެވެ.

ގޯ އެއަރއަކީ އިންޑިއާގެ މުމްބާއިގައި ޤާއިމުކޮށް ހިންގާ އެއަރލައިނެކެވެ. މިއީ އިންޑިއާގައި ފަސް ވަނަ އަށް އެންމެ ބޮޑު އެއަރލައިނެވެ.