 
					
									
			ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ބެލްޖިއަމްގެ ނޫސްވެރިންގ ޓީމެއް ރާއްޖެ ގެނެސްފިއެވެ. 
މިއީ ބޭރުގެ އެކި ޤައުމުތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ފޭމް ޓްރިޕްތަކުގެ ތެރެއިން ދަތުރެކެވެ. 
މި ދަތުރުގެ ބައިވެރިންނަކީ ބެލްޖިއަމްގެ މަޝްހޫރު ނޫސްތައްކަމަށްވާ ލަ ލިބްރޭ، މޭރީ ކްލެއާރ ބެލްޖިއަމް، ޓުގެދަ މެގަޒިން، ހެޓް ނިއުސްބްލާޑް އަދި ސައިކޮލޮޖީސް މެގަޒިން އަށް ނިސްބަތްވާ ނޫސްވެރިންނެވެ.
މި ޓީމް ތަފާތު ތިން ރިސޯޓެއްގައި ތިބުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ ދެ ރޭ ތިބުމަށް ހަމަޖެހިފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައެވެ. އެއަށްފަހު ނިކަ އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ދެރޭ މަޑުކުރުމަށްފަހު މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މި ޓީމް މަޑުކުރާނެއެވެ. 
މި ރިސޯޓުތަކުން ދަތުރުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ވޯޓަރ ސްޕޯޓް ހަރަކާތްތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލައިލުމުގެ އިތުރުން ރާއްޖޭގެ ސަޤާފަތް ދައްކާލުމަށް ރިސޯޓް ކައިރި ރަށަކަށް ޒިޔާރާތްކުރުމަށް ރާވާފައިވެއެވެ. މި ފަދަ ފޭމް ޓްރިޕްތަކުގައި ރާއްޖެ އަންނަ ނޫސްވެރިން ރާއްޖޭގައި ކުރާ ތަޖުރިބާ އެބައެއްގެ ނޫސްތަކުގައި ޝާޢިޢުކުރަން ޖެހެއެވެ. 
ބެލްޖިއަމްއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް މިދިޔަ ފަސް އަހަރަށް ވުރެ މިއަހަރު އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 20.5 އިންސައްތަ އިތުރުވެފައެވެ. 
އެމްއެމްޕީއާރްސީން ބުނީ މިއީ މިއަހަރު ހިނގަމުންދާ މާކެޓިންގ ޙަރަކާތް ތަކުގެ ސަބަބުން ލިބެމުންދާ ކުރިއެރުންތަކެއްކަމަށެވެ. 
އެމްއެމްޕީއާރްސީން މިއަހަރުގެ މިހާތަނަށް 18 ފޭމް ޓްރިޕް ބާއްވާފައިވެއެވެ. މީގެ އިތުރުން 21 ފެއަރއަކާއި 13 ރޯޑް ޝޯވ، 17 ޖޮއިންޓް ކެމްޕެއިން އަދި އެހެނިހެން ޙަރަކާތްތަކާއި އެކު މިހާތަނަށް 130 އާއި ގާތްކުރާ ޢަދަދަކަށް އެކުންފުނިން ޕްރޮމޯޝަނަލް ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. 
އެމް.އެމް.ޕީ.އާރްސީން ބުނީ އެކުންފުނީގެ އަމާޒަކީ މި ޙަރަކާތްތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަން އެކި މާކެޓްތަކަށް އިސްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުންކަމަށެވެ.