ސިއްހަތު

ޑެންގީ ކޮންޓްރޯލް ކުރުމަށް ހިންގާ ކެންޕޭން، މާދަމާ ފަށަނީ


ޑެންގީ ހުމާއި ގުޅިގެން ސާފްކުރުމާއި  މަދިރި ކޮންޓްރޯލް ކުރުމާ ގުޅޭ މައުލޫމާތު ދިނުމަށް މާލޭގައި ހިންގާ ކެންޕޭން، މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރައްވައިފިއެވެ.މި ކެންޕޭންގައި ގެތަކަށް ޒިޔާރަތްކޮށް ޑެންގީއަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މިއަދާއި މާދަމައަކީ ފަރުދީ ގޮތުން އެމީހަކު ދިރި އުޅޭ ގެ އާއި ސަރަހައްދު ސާފްކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ގޮތުގައި ހެއްދެވުމަށް ހެލްތު މިނިސްޓަރވަނީ އިލްތިމާސް ކުރައްވާފައެވެ.ޑެންގީހުމުން ރައްކާތެރިވެ ތިބުމައްޓަކައި މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާކަންކޮޅުތަކެއްގައި މަދިރި ކޮންޓްރޯލް ކުރުމާއި މަދިރި ނައްތާލުމަށް ހުރިހާ ދިވެހިރައްޔިރުން ނުކުމެ މަސައްކަތްކޮށްދެއްވުމަށްވެސް ހެލްތް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.ޕީ.އެސް.އެމަށް ދެއްވި ބަސްދީގަތުމެއްގައި ހެލްތު މިނިސްޓަރ ވިދާޅުވީ، މިދަނޑިވަޅުގައި ދިމާވެފައިވާ ހާލަތުން ދިވެހި ރައްޔިތުންގެ އަމިއްލަ ނަފްސާއި، އާއިލާތަކާއި ލޮބުވެތި ދަރިން ސަލާމަތްވެ ތިބުމަށް ހުރިހާރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށާއި، ހުރިހާ މުއައްސަސާތަކާއި ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންވެސް ވެވަޑައިގަތް މިންވަރަކުން ގައުމީ ކަމެއްގެ ގޮތުގައި ބައިވެރިވެ މަސައްކަތް ކޮށްދެއްވުމަށް ސަރުކާރުން އެދޭކަމަށެވެ. މިއަދުން  ފެށިގެން ހޮނިހިރުދުވަހުގެ ނިއަލަށް ކުރާ މަސައްކަތުގައި ސްކޫލްތަކާއި ސްކޫލްތަށް ހިމެނޭ ސަރަހައްދުތަކުގައި ހުރިގެތަކުންވެސް މަދިރި އުފެދޭ ތަނެއްހުރިނަމަ އެތަންތަން ސާފްކުރުމަށް ޓީޗަރުންނާއި، ބެލެނިވެރިންގެ އިތުރުން، ބައެއް މަތީ ގްރޭޑްތަކުގެ ދަރިވަރުން ނުކުތުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދިބިދޭސީން ދިރިއުޅޭތަންތަން ސާފްކުރުމަށް އާންމު ފަރާތްތަކުން  ބާރުއެޅުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.ކުރިއަށް އޮތްތަނުގައި މަދިރިން ރައްކާތެރިވުމަށް ރާއްޖެއިން އެކަށީގެންވާ ފިޔަވަޅުތަށް އަޅަން ޖެހިފައިވާކަން މިނިސްޓަރ ގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.މާދަމާ  މިރަސްމިޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު ނުވަގަޑި ސާޅީސް ފަހެއްހާއިރު ދަރުބާރުގޭ އިރުން އޮންނަ ހުސް ސަރަހައްދުގައިކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.