ވިޔަފާރި

ފަތުރުވެރިން އިތުރުކުރުމަށް ޗައިނާއާއި އިންޑިއާ ސަފީރާއެކު ޓޫރިޒަމް މިނިސްޓަރ މަޝްވަރާކުރައްވައިފި


އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ދެ ޤައުމެއްގެ ސަފީރުންނާއި މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރ އަލީ ވަހީދު މަޝްވަރާކުރައްވާފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒާންގ ލީޒޮންގ އާއިއެވެ.

މިމަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމާއެކު މިކަމުގެ ކާމިޔާބީ ފާހަގަކޮށް ސަރުކާރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދެ ސަފީރުން ޓޫރިޒަމް މިނިސްޓަރގެ އަރިހަށް ކުރެވި ޒިޔާރާތުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއަށް ފަތުރުވެރިކަމުގެ ރޮނގުން ލިބުނު ކާމިޔާބީ ފާހަގަކޮށް ދެ ސަފީރުން ވެސް ވަނީ މިނިސްޓަރ އަށް މަރުޙަބާ ދަންނަވާފައެވެ. އަދި އަންނަ އަހަރަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަމާޒުކަމަށްވާ، 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން ދެ ސަފީރުން ވަނީ މިނިސްޓަރއާ މަޝްވަރާކޮށްފައެވެ.

އިންޑިއާ އަދި ޗައިނާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ކުރިއަރަމުން އަންނަ ދެ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޗައިނާއިންނެވެ.

ޗައިނާއިން 252،245 (ދުއިސައްތަ ފަންސާސް ދެ ހާސް ދުއިސައްތަ ސާޅީސް ފަސް) ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ. އަދި 131،000 (ސަތޭކަ ތިރީސް އެއް ހާސް) ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ.

ރާއްޖެއިން މިއަހަރު ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެފައިވާއިރު ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ގިނަ ޙަރަކާތްތައް ކުރިއަށްގެންދަމުންނެވެ.