ޚަބަރު

އައްޑޫގައި މެޑިކަލް ކޭމްޕެއް ބާއްވަނީ


ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ސްރީލަަންކަން އެއާލައިންސް އިން އައްޑޫގައި ޚާއްޞަ މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. މި މެޑިކަލް ކޭމްޕުގެ ތެރެއިން ޑރ. ދައްކަން އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާަފައެވެ.

މިކޭމްޕު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިމަހުގެ 28 އިން ޑިސެމްބަރު 1 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިކޭމްޕަކީ ސްރީލަންކަން އެއާލައިންސާއި، އެ އެއާރލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް އެވިއޭޝަން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އަދި އިންޑިއާގެ ޓްރިޗީގެ މަޝްހޫރު ކައުވެރީ ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މިކޭމްޕުގައި އެ ހޮސްޕިޓަލުގެ 5 ޑޮކްޓަރަކާއި ސަޕޯޓް ސްޓާފުން ބައިވެރިވެއެވެ. މިކޭމްޕުގައި ސްޕެޝަލައިޒް ޑޮކްޓަރުންނަށް ހިލޭ ދެއްކޭނެ ކަމަށް ސްރީލަންކަންއެއަރލައިނުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްދާ މިކޭމްޕުގައި ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، ނާރުގެ ބަލިތަކާއި ބެހޭ ޑޮކްޓަރެއްގެ އިތުރުން ޑައިޓީޝަނަކައި، ހޯމޯން މައްސަލަތަކަށް ފަރުވާދޭ ޑޮކްޓަރެއް، ބަލި މީހުންނަށް ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްރީލަންކަން އެއާލައިންސް ހާމަ ކުރި ގޮތުގައި އެއެއާލައިން މެދުވެރިކޮށް ކޮލަމްބޯ މަގުން، ބޭސްފަރުވާ އަށް ގިނަ އަދަދެއްގެ ދިވެހީން އިންޑިއާއަށް ދެއެވެ. ސްރީލަންކަން އެއާލައިންސްގެ ރީޖަނަލް މެނޭޖަރ ޖަޔަންތާ އަބޭސިންގޭ ފާހަގަ ކުރެއްވި ގޮތުގައި ، އެއާރލައިނަކީ ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރުން އެތެރެކުރާ އެންމެ ބޮޑު އެއާލައިނެވެ. އެހެންކަމުން އިންޑިއާގެ ކައުވެރީ ހޮސްޕިޓަލް އަދި އެހެނިހެން ޚާއްޞަ ފަރާތްތަކާއި ގުޅިގެން މިފަދަ ކޭމްޕެއް ބޭއްވިގެން ދިއުމަކީ އުފަލެއް ކަމުގައި އެނާ ފާހަގަ ކުރެއްވިއެވެ.

މީގެ ކުރީން 2017 ވަނަ އަހަރުވެސް ސްރީލަންކަން އެއަރލައިނުން މެޑިކަލް ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.