ދީން

ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން މިހާތަނަށް 691672 ރުފިޔާ


ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން މިހާތަނަށް 691672 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.އެމިނިސްޓްރީން ބުނީ އާދައިގެ ހަނޑުލުން 12081މީހުން ފިތުރު ޒަކާތް ދައްކާފައިވާއިރު 144972 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި ހުދު ހަނޑުލުން 1391 މީހުން ޒަކާތް ދެއްކިއިރު 69550 ރުފިޔާ ލިބިފައިވާކަމަށާއި އަދި ބާސްމަތި ހަނޑުލުން 6361 މީހުން ފިތުރުޒަކާތް ދައްކާފައިވާއިރު 47700ހަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެއެވެ.ފިތުރު ޒަކާތް ދެއްކުމުގައި މާލޭ ސަރަހައްދުގައި ހިމެނެނީ މާލޭ، ވިލިމާލޭ، އަދި ހުޅުމާލެއެވެ. ޒަކާތް ދެއްކުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވަނީ ރަމަޟާންމަހުގެ ހަތާވީސް ވަނަ ދުވަހުގެ ނިޔަލަށެވެ.ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ.ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އިސްލާމީ މަރުކަޒުންނާއި ރަށްރަށުގެ ކައުންސިލްތަކުންނާއި ބޭންކް އޮފް މޯލްޑިވްސް، އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީންވަނީ ހުޅުވާލާފައެވެ. އަދި ދިރާގާއި ވަތަނިއްޔާ މެދުވެރިކޮށް އެސްއެމްއެސް ފޮނުވައިގެން ޒަކާތްދެއްކޭނެ އިންތިޒާމްވެސް އެމިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ.