ޚަބަރު

ރާއްޖެއިން ފިންލެންޑާއެކު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކުރަނީ


ރާއްޖެއިން ފިންލެންޑާއެކު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިމަހުގެ 28 އިން 29 އަށް ފިންލެންޑަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްސްއިން އާންމުކުރި ބަޔާނެއްގައި އެ މިނިސްޓްރީއިން ވަނީ، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފިންލޭންޑަށް ކުރައްވާ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުގައި ފިންލޭންޑްގެ ޚާރިޖީ ވަޒީރު ޕެކާ ހާވިސްޓޯގެ އިތުރުން އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ލީ އެޑަރސަން އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ތަޢުލީމީ ދާއިރާއިން ފިންލޭންޑްގެ ތަޖުރިބާ ރާއްޖެއަށް އެންމެ އެކަށޭނަ ގޮތެއްގައި ލިބިދެވޭނެ ގޮތްތަކާއި މެދު ދެ ވަޒީރުން މަޝްވަރާކުރައްވާނެއެވެ. އެގޮތުން މިއަހަރު ރާއްޖޭގައި ހުޅުވުނު ފިންލޭންޑް ސްކޫލާއިމެދުވެސް އަލިއަޅުއްވާލައްވާނެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު މިހާރު ހުންނެވީ ސައުދީއަރަބިއްޔާގައެެވެ. އެމަނިކުފާނު ސައުދީއަރަބިއްޔާއަށް ވަޑައިގެންފައިވަނީ، އޯ.އައި.ސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.