ޚަބަރު

ސްޓެޓިއުޓް އޮފް އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ރާއްޖެއިން ސޮއިކޮށްފި


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯ.އައި.ސީގެ ސްޓެޓިއުޓް އޮފް އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ރާއްޖެއިން ސޮއިކޮށްފިއެވެ.
އަންހެނުނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަހުގައި ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއެއްބަސްވުމުގައި ސޮއިކުރެއްވީ، އެމަނިކުފާނު ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޔޫސުފް ބިން އަޙްމަދު އަލްއުތައިމީންއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އޯ.އައި.ސީގެ ޙަރަކާތްތަކާއި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ޑރ.އުތައިމީން ވަނީ ދިވެހިރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު އޯ.އައި.ސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގެ ސްޓެޓިއުޓްގައި ސޮއިކުރައްވާފައިވާރިރު، މި އޯގަނައިޒޭޝަން އަކީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގައި އަންހެނުން ބާރުވެރިކޮށް، އެކިކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް އޯ.އައި.ސީގެ ދަށުން ހިންގާ ޖަމްޢިއްޔާއެކެވެ. މިޖަމްއިއްޔާގެ އުޞޫލުތަކާއި މަޤްޞަދުތަކަށް ރިޢާޔަތްކޮށް، ޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، އޯ.އައި.ސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުއީޓް

އޯ.އައި.ސީއަކީ ދިވެހިރާއްޖެއިން އެންމެ ހަރަކާތްތެރި، ބައިނަލްއަޤްވާމީ އެއް ޖަމްޢިއްޔާއެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް މިނިސްޓަރސްގެ 46ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައިވެއެވެ.

މާތްވެގެންވާ މައްކާގައި މިއަހަރުގެ މެއިމަހު ބޭއްވި 14ވަނަ އިސްލާމިކް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަތެވެ.

އދ.ފިޔަވައި ދުނިޔޭގައި އޮތް އެންމެބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކީ އޯ.އައި.ސީއެވެ. 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ މިޖަމްޢިއްޔާއަކީ އިސްލާމީ ދުނިޔޭގެ އަޑު އުފުލައިދޭ ޖަމާޢަތެވެ. އެޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ބޭނުންވާ ކަންކަން ޕްރޮމޯޓްކުރުމާއި، ސުލްހަމަސަލަސްކަން ޤާއިމްކުރުން ހިމެނެއެވެ. ދިވެހިރާއްޖެއިން އޯއައިސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރުއެވެ.