ޚަބަރު

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ޙަފްލާ ބާއްވައިފި


ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ފަހަރު މި ރަސްމިއްޔާތު ބާއްވައިފައިވަނީ އެހެން އަހަރު ތަކާ ތަފާތުކޮށް ޙަފްލާއެއްބާއްވައިގެންނެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވި މިހަފްލާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ނާއިބު ރައީސް ފައިޞލް ނަސީމެވެ.

23 ނޮވެމްބަރ 2019 ވަނަ ދުވަހުގެރޭ ބޭއްވި މި ޙަފްލާގައި ހއ. އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރު ވެރިންގެ އިތުރުން ދިއްދޫގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ އެކި ދާއިރާތަކުން އަތޮޅަށް ރީތިނަމާއި ޝަރަފް ހޯދައި ދިނުމާއި، ހިންގުމުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާއިން މަތީދަރަޖަ ހޯދާ ފަރާތްކަށް ހިތްވަރު ދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ދެމުން އަންނަ އިނާމެކެވެ. މިއަހަރު އެކި ދާއިރާތަކުން އިނާމް ހާޞިލްކޮށްފައިވާ 34 ފަރާތަކަށާއި ހިންގުމުގެ ދާއިރާއިން ރަށު ކައުންސިލަކަށް އިނާމު ލިބިގެން ދިޔައެވެ.

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދެވޭ ޚާއްސަ އިނާމް ޙާޞިލް ކޮށްފައިވަނީ މަތީ ސާނަވީބައިން ދުނިޔޭގެ ފެންވަރުގައި އެއްވަނަ ހޯދާފައިވާ ފަރާތަކަށާއި މުޅިރާއްޖެއިން އެއްވަނަ ހޯދާފައިވާ ފަރާތްތަކަށެވެ. މި ގިންތިން ދުނިޔޭގެ ފެންވަރުގައި އެއްވަނަ ދަރަޖައިގައި ހިމެނުނު ހއ. އުލިގަމު މާޒު ޒަޔާން ސަޢުދުﷲ ވަނީ ދުނިޔެއިން ހިސާބުން އެއްވަނަ ދަރަޖަ ޙާޞިލްކޮށްފައެވެ. އަދި މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުގެ މުޅި ރާއްޖެއިން އެއްވަނަ ދަރަޖައިގާ ހިމެނުނު ހއ. ތުރާކުނު ބަހާރުގޭ ފާތިމަތު ޝަމްހާ އަށްވެސް ރޭގެ ޖަލްސާގައި އިނާމު ދެއްވިއެވެ. އެނާ ހިމެނުނީ ރާއްޖެއިން ކެމިސްޓްރީން އެއްވަނަ ދަރަޖައިގައެވެ. މިގިންތިންތީގައި ދެން ހިމެނިފައިވަނީ ހއ. ކެލާ ނިވައިދަށުގޭ ޚާދީޖާ ލީޒާއެވެ. މިދަރިވަރަކީ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނައަހަރަށް ވިލާ ކޮލެޖުން ހިންގި މާރސްޓަރ އޮފް ޝަރިޢާއިން ލޯ އިން އެއްވަނަ ހޯދާފައިވާ ދަރިވަރެކެވެ. ހިންގުންތެރިކަމުގެ ގިންތިން 2 ވަނަ ޙާސިލްކޮށްފައިވަނީ ހއ. މާރަންދޫ ކައުންސިލްގެ އިދާރާއެވެ.
މީގެއިތުރުން 2018 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނުން މުޅި ރާއްޖޭއިން އެއްވަނަ ހޯދާފައިވާ ދަރިވަރުންގެތެރޭގައި ހއ. ކެލާ ފުރުއްމާގޭ ޙަސަން ވިޝާހު ހިމެނުނެވެ. މިއިމްތިހާނުން ދެވަނައާއި ތިންވަނަ ހޯދި އެއަތޮޅުތަކުގެ ކުދިންނަށްވެސް އިނާމު ދެވުނެވެ.

2017 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިހާނުން މުޅި ރާއްޖެއިން އެއްވަނަ ދަރަޖައިގައި ހިމެނުނު ހަކުއްޖެއްގެ ކާމިޔާބުވެސް މިރަސްމިއްޔާތުގައި ފާހަގަކުރިއެވެ.
މިއީ ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އިނާމު ދެވޭ ހަތަރުވަނަ ފަހަރެވެ.