ވިޔަފާރި

މަންޓާ އެއަރ އިން އިތުރު މަންޒިލަކަށް ދަތުރުތައް ފަށަނީ


ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ދަތުރުކުރާ މަންޓާ އެއަރއިން އިތުރު މަންޒިލަކަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މަންޓާއެއާއިން މިހާރު ދަތުރުތައް ކުރަނީ ބ. ދަރަވަންދޫ އަދި ދ. ކުޑަހުވަދޫއަށެވެ. މަންޓާ އެއަރއިން ބުނީ އެ އެއަރލައިނުން ދަތުރުތައް ފަށާނެ ތިންވަނަ މަންޒިލް މި ހަފްތާތެރޭ އާންމުކުރާނެކަމަށެވެ. އެހެންނަމަވެސް މަންޓާއިން ދަތުރުތައް ފަށާ މަންޒިލެއް އެއަރލައިނުން އަދި ހާމައެއް ނުކުރެއެވެ.

މަންޓާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ ތިންވަނަ އެއަރލައިނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ސީޕްލޭން ދަތުރުތައްވެސް މިމަހު ވަނީ ފަށާފައެވެ.

އެ އެއަރލައިންގެ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރުމަށް 5 ބޯޓެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. ސީޕްލޭންގެ ދަތުރުތައް އެ އެއަރލައިނުން ދެމުންދާނީ ރާއްޖޭގެ 2 ރިސޯޓަކަށެވެ. ސީޕްލޭންގެ ޙިދުމަތްދިނުމަށް ޖުމްލަ 10 ބޯޓު ގެނައުމަށް ހަމަޖެހިފައިވާކަމަށް މަންޓާ އެއަރއިން ބުނެއެވެ.