ޚަބަރު

އިސްލާމިކް މިނިސްޓަރ، ޤުރުއާން ހިތުދަސްކުރި 6 އަހަރުގެ ކުއްޖާއާ ބައްދަލުކުރައްވައިފި


ކީރިތި ޤުރުއާން ހިތުދަސްކުރި އުމުރުން 6 އަހަރުގެ ޔޫސުފް ބިން މާޒިންނާ އިސްލާމިކް މިނިސްޓަރ ބައްދަލުރައްވާ ހިތްވަރުދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވަނީ، ޤުރުއާން ހިތުދަސްކުރި ޔޫސުފްގެ އިތުރުން އެކުއްޖާގެ މައިންބަފައިންނަށްވެސް މަރުޙަބާ ދަންނަވާފައެވެ. އަދި މިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓަރ ވަނީ ޔޫސުފަށް ހަދިޔާއެއް ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރ ވަނީ ހާފިޘުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި މިއީ ރާއްޖޭގައި އުމުރުން 6 އަހަރުގައި ކުއްޖަކު ޤުރުއާން އެއްކޮށް ހިތުދަސްކުރި ފުރަތަމަ ފަހަރެވެ.

ހަ އަހަރުގެ ޔޫސުފް ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވަނީ ހަތަރު އަހަރުންނެވެ. މިގޮތުން ނާސަރީގައި ކިޔެވި އިރު ޔޫސުފް ވަނީ ދެ ފޮތް ހިތު ދަސްކޮށްފައެވެ. އޭގެ ކުރިން އަންމާފޮތް އެއްކޮށް ވަނީ މުރާޖައާކޮށްފައެވެ. އަދި އެލްކޭޖީގައި އިތުރު ފަސް ފޮތް ވަނީ ދަސްކޮށްފައެވެ. އެ މަރުހަލާ ނިންމާލީ ޖުމްލަ 8 ފޮތް ދަސްކޮށްގެނެވެ. އަދި މިއަހަރު ޔޫސުފް ވަނީ 22 ފޮތް ހިތުން ދަސްކޮށްފައެވެ. މީގެ ތެރެއިން މިދިޔަ އޮކްޓޫބަރުމަހު އެކަނިވެސް 10 ފޮތް ހިތު ދަސްކޮށްފައިވެއެވެ. އަދި މިހާރު ގެންދަނީ އެ ބައިތައް މުރާޖައާ ކުރަމުންނެވެ.