ޚަބަރު

އެއްވެސް އެއާޕޯޓެއް އޮޕަރޭޓްކުރަން ބޭރުގެ ބަޔަކާ ހަވާލެއްނުކުރާނެ - އަސްލަމް


ރާއްޖޭގެ އެއްވެސް އެއާރޕޯޓެއް ބޭރުގެ އެއްވެސް ފަރާތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނ.މާފަރު އެއާޕޯރޓް ހިންގުމާއި، އޮޕަރޭޓްކުރުމާއި ގުޅޭގޮތުން އެދާއިރާގެ މެމްބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ މާފަރު އެއާރޕޯޓް އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރަމުންދަނީ ސަރުކާރުން އެގޮތަށް ނިންމުމުންކަމަށެވެ. އަދި މާފަރު އެއާޕޯޓް ތަރައްޤީކުރި ފަރާތަށް އެއަރޕޯޓް ހިންގުން ހަވާލުކޮށްފައި ނުވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާޒީގައި ދިވެހިންކޮށްފައިވާ ތަޖުރިބާއަށް ބަލައި ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއާރޕޯޓްތައް ހިންގަން ހަވާލުކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޭރުގެ ފަރާތަކަށް އެއާޕޯޓްތައް ދީގެން، ހިންގުމަކީ ބަޔަކު އެކަމާއި ވަރަށް ބޮޑަށް ބިރުގަންނަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގަން ހަވާލުކުރުމަކީ ވަކިބަޔަކު އެކަމާއި ނުހަނު ބިރުގަންނަކަމެއް. އަދި މާޒީގައި ދިވެހިން ކުރި ތަޖުރިބާއަށްބަލައި ބޭރުގެ ފަރާތްތަކަށް ދިވެހިންގެ އެއަރޕޯޓްތައް ހަވާލުކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް އަޅުގަނޑުމެންނަށް މިއޮތީ ތަޖުރިބާ ކުރެވިފަ. ސަރުކާރުގެ ސިޔާސަތަކީ އެއްވެސް އެއްރޕޯޓެއް ބޭރުގެ އެއްވެސް ފަރާތަކާއި ހަވާލުނުކުރުން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިޔާސަތުތަކަކީ އަބަދުވެސް އެއިރެއްގައި އޮންނަ އޮއިވަރާއިއެކީ ބަދަލުވާނެ އެއްޗެއްކަމަށެވެ. މިއަދުގެ ހާލަތާއި އެއްގޮތަށް ސަރުކާރުގެ ސިޔާސާތުތައް ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު މިހާލަތު މުސްތަގުބަލުގައި ބަދަލުވުމަކީވެސް އެކަށިގެންވާކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާފަރު އެއާޕޯޓަކީ އިންޓަރނޭޝަނަލަށް އެއާރޕޯޓަކަށްވުމުން ޑޮމެސްޓިކް ފްލައިޓްތަކަށް އެއަރޕޯޓަށް ދަތުރުކުނުރެވޭނެ ހާލަތެއް ނެތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއާރޕޯޓް ތަރައްޤީކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި އައިލެންޑް އޭވިއޭޝަނާއި ސަރުކާރާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާފަރު އެއަރޕޯޓަކީ އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓެކެވެ.