ޚަބަރު

އެމްޑީޕީގެ އިންތިޚާބު ޤަބޫލުނުކުރާކަމަށް އަސްލަމް ވިދާޅުވެއްޖެ


އެމްޑީޕީގެ ރައީސްއާއި ނާއިބު ރައީސް ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ތުހުމަތުކޮށް އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރައްވާކަން ނާއިބު ރައީސްކަމަށް ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްއާއި ނާއިބު ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި އަސްލަމާއި ވާދަކުރެއްވީ އެޕާޓިގެ ކުރީގެވެސް ރައީސް މުޙައްމަދު ޝިފާޒް. މި އިންތިޚާބުގައި ޝިފާޒަށް ލިބިވަޑައިގަތީ ތޭރަ ހާސް ދުއިސައްތަ ތެއްތިރީސް ވޯޓެވެ. އަދި އަސްލަމަށް ލިބިވަޑައިގަތީ ނުވަހާސް ނުވަސަތޭކަ ފަންސާސް ހަތް ވޯޓެވެ.

މި ނަތީޖާ ޤަބޫލުނުކުރައްވާކަން ހާމަކުރައްވާ އަސްލަމް ވިދާޅުވީ، އިންތިޚާބުގައި އަސްލަމްގެ އިންތިޚާބީ ހައްޤަށް އުނިކަން ލިބިފައިވާ 11 ކަމެއް ފާހަގަކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް މައްސަލަ ހުށައަޅާފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް އަސްލަމް ހާމައެއް ނުކުރައްވައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް މީގެ މަހެއްހާ ދުވަސް ކުރިން ހުޅުވާލުމާއިއެކު ވަރަށް ވާދަވެރި ރޫހެއްގައި ދެބޭފުޅުންގެވެސް ކެންޕެއިން ހަރަކާތްތައްވަނީ ކުކުރިއަށް ގެންގޮސްފައެވެ. ދެބޭފުޅުންވެސް ވަނީ މާލެއާއި އަތޮޅުތެރޭގައިވެސް ކެންޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.