ރާއްޖޭގެ ޖަލުތަކުގައި ބޮޑެތި ގިނަ މައްސަލަތަކެއް އެބަހުރިކަމަށާއި ޖަލުތަކުގެ ހާލަތު ރަގަޅުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ރެޕެޓުއަރ ނިލްޒް މެލްޒަރ ވިދާޅުވެއްޖެއެވެ. މެލްޒަރ ވަނީ އިންސާނީ ހައްޤުތަކާއި ގުޅޭ ގޮތުން ރާއްޖޭގެ ހާލަތު ބައްލަވާލެއްވުމަށް އޭނާ ރާއްޖެއަށް ކުރި ޒިޔާރަތުގައި ހޯދި ހޯދުންތައް ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ރެޕެޓުއަރ ނިލްޒް މެލްޒަރ ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ އިންސާނީ ކަރާމާތަށް އުނިކަން އަންނަގޮތަށްކަމަށެވެ. ޖަލުތަކުގައި ބޮޑެތި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޖަލުތަކުގައި އެންމެ ބޮޑު މައްސަލައަކީ ޖާގައަށްވުރެ އިތުރަށް ޤައިދީން ބައިތިއްބާފައި ތިބުންކަމަށެވެ.
އެގޮތުން މާފުށީ ޖަލުގެ ފިރިހެން ޤައިދީން ބައިތިއްބާފައިވާ ތަނުގެ 969 ޤައިދީން ތިބި އިރު އެތަނުގެ އަސްލު ޖާގައަކީ 655 ޤައިދީންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެތަނުގައިި ތިބޭ ޤައިދީންނަށް ސާފު ވައި ނުލިބޭކަމަށާއި، ސާފުތާހިރުކަންވެސް ވަރަށް ކުޑަކަންވެސް މެލްޒަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައިދީން އާއިލާ އާއި ބައްދަލުކުރުމަށްވެސް އެކަށީގެންވާ ފުރުޞަތެއް ލިބެމުންނުދާކަންވެސް މެލްޒަރ ވިދާޅުވިއެވެ.
މެލްޒަރ ވަނީ ޖަލުތަކުގެ ހާލަތު މި ސަރުކާރުން ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ކުރި ޒިޔާރަތުގައި އިންސާނީ ހައްޤުތަކާއި ގުޅޭގޮތުން ތައްޔާރުކުރު ރިޕޯޓް އަންނަ އަހަރުގެ މާރޗް މަހު ބާއްވާ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށައެޅުމަށް ނިންމާފައިވާކަމށްވެސް އދ.ގެ ރެޕެޓުއަރ ވިދާޅުވިއެވެ.
އިންސާނީ ހައްޤުތަކާއި ބެހޭ އދ.ގެ ކޮންވެސްޝަންތަކުގައި ރާއްޖެއިން ބައިވެރިވެ އެކަމާއި ގުޅުންހުރި ގިނަ ޤާނޫނުތަކެއް ރާއްޖޭގައި ވުޖޫދަށް ގެނެސްފައިވާކަން މެލްޒަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ޤާނޫނުތައް ތަންފީޒްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށްވެސް އޭނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.