ސިޔާސީ

އީސީގެ މެންބަރަކަށް ފުއާދު، އެންއައިސީގެ މެންބަރަކަށް ޖިހާދު ޢައްޔަނުކޮށްފި


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ ފުއާދު ތައުފީޤް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް، ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވައިފިއެވެ.

މި ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރައްވާފައިވަނީ އެކަމަށްޓަކާ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ފުއާދު ތައުފީޤަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ފުއާދު ތައުފީޤަކީ 2008ން 2009އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2014ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ފުއާދު ހުންނެވީ އެ ކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ. ސަރުކާރުގެ ވަޒީފާއާ ފުއާދު ގުޅިވަޑައިގެންނެވީ ފެބުރުވަރީ 1973 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. އަދި 2007ވަނަ އަހަރާއި ހަމައަށް ހުންނެވީ އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވި އަޙްމަދު ޖިހާދު، އެންމެފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައެވެ. އެގޮތުން، 1982ގައި ދިވެހި އަސްކަރިއްޔާއާ ގުޅިވަޑައިގެންނެވުމަށްފަހު 2013 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ އެކި މަޤާމުތައް ފުރުއްވާފައިވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކޯސްޓްގާޑް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑެޕިއުޓީ ސާޗް ކޯޑިނޭޓަރެއްގެ މަޤާމުގައެވެ.