ޚަބަރު

މާލޭގެ ސިޓީގެ ކައުންސިލަރުންގެ ޢަދަދު 19އަށް އިތުރުކޮށް ލާމަރުކަޒީ ބިލް ތަޅުމަށް


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދައިރާތައް ހިންގުމަށްޓަކައި ޤާނޫނަށް ހުށަހެޅި އަށްޑިހަ އިސްލާހު ކޮމިޓީން ފާސްކޮށް ބިލް ތަޅުމަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައިވަނީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ އެންމެ ފަހުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި ހުށަހެޅިފައިވާ އަށްޑިހަ އިސްލާހުތަކާމެދު ކަމާއިބެހޭ ފަރަތްތަކާ، ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު އިސްލާހުތައް ފާސްކޮށް ކޮމިޓީ މަރުޙަލާ ނިންމައި ތަޅުމަށް ފިނުވުމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ.

ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ މާލެ ސިޓީ ކައުންސިލްގެ މެމްބަރުންގެ ޢަދަދު ނަވާރައަށް އިތުރުކުރުމެވެ. މިހާރު ކައުންސިލްގައި ތިއްބަވަނީ ފަނަރަ މެމްބަރުންނެވެ. ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވީ މިބަދަލާއިއެކު މާލެ ސިޓީގެ ދައިރާތައްވެސް އިލެކްޝަން ކޮމިޝަނުން އަލުން އެކުލަވާލަން ޖެހޭނެކަމަށެެވެ. މާލެ ސިޓީ ކައުންސިލަރުން އިންތިޚާބްވެގެންދާނީ މަޖިލިސް އިންތިޚާބްގައި އިދާރީ ދާއިރާތައް ބެހިފައިވާގޮތައް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި ކައުންސިލަރުންގެ ޢަދަދު އިތުރުކުރުމަށް ހުށަހަޅާފައިވީނަމަވެސް މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލް ފިޔަވައި އެހެން އެއްވެސް ދާއިރާއެއްގެ ކައުންސިލަރުންގެ ޢަދަދު އިތުރުކުރުމަށް ހަމަޖެހިފައިނުވާކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ. ކޮމިޓީ މަރުހަލާގައި ސަރުކާރުގެ ވިސްނުންވެސް ހުރީ ކައުންސިލަރުންގެ ޢަދަދު އިތުރުނުކޮށް ކައުންސިލަރުންނަށްދޭ މުސާރަ ބޮޑުކުރުމުގެ ވިސްނުންކަމަށެވެ.

ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު އަތޮޅު ކައުންސިލް ރައީސްއާއި، ސިޓީ ކައުންސިލްގެ މޭޔަރުންގެ މަޤާމަކީވެސް އިންތިޚާބްކުރާ މަޤާމަކަށް ހެދުމަށް ވަނީ ކަނޑައަޅާފައެވެ. އަތޮޅު ކައުންސިލް ރައީސާއި ރަށުކައުންސިލް ރައީސް އަދި ސިޓީ ކައުންސިލްގެ މޭޔަރުންގެ ނަމާއި، މަޤާމަކީ މިހާރުވެސް ބޭނުންކުރާ ނަމާއި މަޤާމުކަމަށް ނިޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އަށްޑިހަ އިސްލާހުގެ ތެރެއިން ފަންސާސް އަށް އިސްލާޙު ހުށަހަޅާފައިވަނީ އެމްޑީޕީންނެވެ. އެމްޑީޕީގެ އިތުރުން ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އެލްޖީއޭއާއި، އޮޑިޓަރ ޖެނެރަލާއި، އެޗްއާރުސީއެމްއާއި، އީޕީއޭއާއި، ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން ހޯޕްފޯ ވިމެންގެ ފަރާތުންނެވެ. ކޮމިޓީން މިބިލް ފާސްކޮށް ތަޅުމަށް ފޮނުވަން ފާސްވުމާއިއެކު މާދަމާގެ މަޖިލިސް ޖަލްސާގައި މި ރިޕޯޓް އިއްވައި، ބަހުސްކުރާނެކަމަށް ލަފާކުރެވެއެވެ.