ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ ޤައުމުތަކަށް ޕްރޮމޯޓްކުރުމަށް މިއަހަރުތެރޭ ކުރެވުނު މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޡައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނެވުމުގެ އުފާފާޅުކުރުމަށް ވެލާނާ އިންޓާރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޡައްޔިބު ވިދާޅުވީ މިއަހަރުގެ ތެރޭ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެމްއެމްޕީއާރްސީން ކުރި މަސައްކަތްތަކަކީ ވަރަށް ހިތްހަމަޖެހޭ މަސައްކަތްތަކެއްކަމަށެވެ. އަދި މިއަހަަރު ލިބުނު ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާނެ ކާމިޔާބީއެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މަސައްކަތުގެ ނަތީޖާ ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަހު ފެނިގެންދާނެކަމަށާއި އަންނަ އަހަރު ވެސް ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މުހިއްމު މަސައްކަތްތަކެއް އެމްއެމްޕީއާރްސީން ކުރިއަށްގެންދާނެކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަނީ ދެއްވާ ޓާގެޓެއް ހާސިލްކުރުމަށް. މިއަހަރު އަޅުގަނޑުމެންނަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހޭ ވަރަށް މަސައްކަތްކުރެވިއްޖެ. މި ކުރެއްވި މަސައްކަތުގެ ހަޤީޤީ ނަތީޖާ އަންނަ އަހަރު ފެނިގެންދާނެ. ހަޤީގަތުގައި މިކުރެވޭ މާކެޓިންގ ހަރަކާތްތަކުގެ ނަތީޖާ މި ފެންނަނީ އެއް އަހަރު ދެ އަހަރު ތެރޭގައި. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު މިއަށްވުރެ ގިނަ މަސައްކަތްތައްކުރާނަން." ޡައްޔިބު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް އެމްއެމްޕީއާރްސީއިން މުހިއްމު ގިނަ ހަރަކާތްތަކެއް ބާއްވާފައިވެއެވެ. އެގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގައި 21 ފެއަރ، 13 ޤައުމެއްގައި ރޯޑްޝޯވ، 17 ފޭމް ޓްރިޕްސް އަދި އެކި ކުންފުނިތަކާއި ގުޅިގެން 17 ޖޮއިންޓް ކެމްޕެއިން ވެސް ބާއްވާފައިވެއެވެ.
މީގެ އިތުރުން ވެސް އެކި ގޮތް ގޮތުން ރާއްޖެ އިސްތިހާރުކުރުމަށް 62 ހަރަކާތެއް ކުރިއަށްގެންގޮސްފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު ރިކޯޑު އަދަދެކެވެ. 2018 ވަނަ އަހަރު ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރިއަށްގެންގޮސްފައިވަނީ އެންމެ 18 ފެއަރއެވެ.
ސަރުކާރުން ވަނީ އަންނަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިނަ ގެނައުމަށް މިހާރު އަމާޒުހިފާފައެވެ. މި އަމާޒަށް ވާސިލްވުމަށް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.