ޚަބަރު

ނައިބް ރައީސް ކުޅުއްދުއްފުށި ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ހދ.ކުޅުދުއްފުށްޓަށް މިއަދު ވަޑައިގެން އެރަށު ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުޅުދުއްފުށީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވީ އެމަނިކުފާނު މިއަދު ކުޅުދުއްފުށްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މިދަތުރުފުޅުގައި ނާއިބު ރައީސް ކުޅުދުއްފުށްޓަށް ފައިބައިވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށްޓަށް މިކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މައްސަލައާއި މީހުން ތަމްރީނުކޮށް އެކިދާއިރާތަކުން މީހުން ބިނާކުރުމުގައި އެހީތެރިކަން ބޭނުންވާކަން ކައުންސިލަަރުން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުގެ އިދާރާގެ ޖާގައިގެ ދަތިކަމުން ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ހުރި ދަތިތައްވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތައް އިތުރުވެ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ލިބުމުން ކައުންސިލަރުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުން ކަންކަން ކުރުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށްޓަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި މިއަހަރުގެ ހިތާނީ ކޭމްޕު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ސްޓާފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ބައެއް ސަރަހައްދުތަކުގައި މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތަފާތު އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށް އެކި ރަށްރަށުންވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ހޮސްޕިޓަލެއް ކަމުގައިވާތީ އެ ހޮސްޕިޓަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އޯގާތެރިކަމާއެކު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ހޮސްޕިޓަލުގެ މެނޭޖުމަންޓާއި ސްޓާފުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ވަނީ އެރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ވެސް ބައްލަވައިލައްވާފައެވެ.